ބުރިޖުގެ ފަހުގެ ފޮޓޯތަކާއެކު މުއިއްޒު ވިދާޅުވީ މާލޭ ކޮޅުން ކޮންކުރީޓްގެ ބޮޑުބައެއް ނިމިއްޖެކަމަށް

މާލެ ކޮޅުން ބުރިޖަށް އަރާ ގޮތަށް އޮންނަ މަގުގައި ކޮންކުރީޓް އަޅާފައި --- ފޮޓޯ/ ހައުސިން މިނިސްޓަރު މުއިއްޒު

ހުޅުލެ އާއި މާލެ ގުޅުވައިދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ ފަހުގެ ފޮޓޯ ތަކާއެކު މާލޭ ކޮޅުގެ ބުރިޖުގެ ކޮންކުރީޓްގެ ފަހުގެ މައުލޫމާތުތަކެއް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ހިއްސާ ކުރައްވައިފި އެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބުރިޖުގެ މަސައްކަތް ކުރިއަށްދަނީ ޝެޑިއުލާ އެއްގޮތަށް ހަލުވިކަމާއެކު ކަމަށެވެ.

އެގޮތުން މާލޭ ކޮޅުން ބުރިޖަށް އަރާ މަގު ނުވަތަ ބުރިޖު ޑެކް ސްޕޭންގެ 180 މީޓަރު (591 ފޫޓު)ގެ ކޮންކުރީޓް މަސައްކަތާއި މާލޭ ކޮޅުން ބުރިޖުގެ އައި-ބީމްގެ 480 މީޓަރު (1575 ފޫޓު)ގެ ކޮންސްޓްރަކްޝަން މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މާލެ ކޮޅުން ބުރިޖުގެ މަތިން ނަގާފައި ފޮޓޯއެއް --- ފޮޓޯ/ ހައުސިން މިނިސްޓަރު މުއިއްޒު

އެ މައުލޫމާތާއެކު މުއިއްޒު ހިއްސާކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި ބުރިޖަށް އަރާ މަގުތަކާއެކު ޖުމްލަ 2100 މީޓަރު ދިގު އެ ބުރިޖުގެ މާލޭ ކޮޅުން ގާތްގަނޑަކަށް މެދާ ހަމައަށް ކޮންކުރީޓް މަސައްކަތް ވަނީ ނިމުމާ ގާތްވެފައެވެ.

އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ނިންމަން މަސައްކަތްކުރަމުންދާ ބުރިޖުގެ ކޮންޓުރެކްޓަރު ޗައިނާގެ ސީސީސީސީ ކުންފުނިން މިދިޔަ ނޮވެމްބަރު މަހު ބުނީ، ބުރިޖުގެ ކޮންކުރީޓް މަސައްކަތްތައް އަންނަ އަހަރުގެ މާރިޗު މަހުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.

މާލެއާ ހުޅުލެއާ ދެމެދުގައި އަޅަމުން އަންނަ ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯ މީޓަރު، އަދި ބުރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުރެއެވެ. އެ ބްރިޖުގައި ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާފަ ދާ މީހުންނަށް ވަކި ލޭނެއް އޮންނާނެއެވެ.

މާލެ ކޮޅުން ބުރިޖުގެ މަތިން ނަގާފައި ފޮޓޯއެއް --- ފޮޓޯ/ ހައުސިން މިނިސްޓަރު މުއިއްޒު

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު ޚަރަދު ވެއެވެ. އަދި ބްރިޖު އެޅުމަށް ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ވަނީ ނިންމާފައެވެ.

އަދި 170 މިލިއަން ޑޮލަރު ޗައިނާއިން ދެނީ ލޯނުގެ ގޮތުގައެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖު އެޅުމަށް ދިވެހި ސަރުކާރުން ހޭދަކުރާނީ ބާކީ 30 މިލިއަން ޑޮލަރެވެ.

comment ކޮމެންޓް