ފަނޑިޔާރުންނަށް މައުމޫނު ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމުގެ ހެކި ކަޅު ފޮށިން ފެނިފައިވޭ: ފުލުހުން

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން، ފަނޑިޔާރުންގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވިކަމުގެ ހެކި ވަނީ ފެނިފައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން މެދުވެރިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ބިލްޑިންގ ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު، ސުޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ފާރިސް މައުމޫން މެދުވެރިކޮށް ރައީސް މައުމޫން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވަނީ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ހައްޔަރު ކުރި ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތްކުރާ ނަޖުމާ އިބްރާހިމްގެ ގެއިން ހޯދި ކަޅު ކުލައިގެ ފޮށިން ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު ޝިފާން ވާހަކަދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

"ނަޖްމާ އިބްރާހިމްގެ ގެއިން ފެނުނު ކަޅު ފޮށިން ވަނީ މިކަމާ ގުޅޭ ވަރަށް ގިނަ ކިތާބީ ހެއްކާއި ގަރީނާ ލިބިފަ. މީގެ ތެރެއިން އެއް ޑޮކިއުމެންޓަކުން ވަރަށް ސާފުކޮށް އަޅުގަނޑުމެނަށް އެނގެން އެބައޮވޭ ފާރިސް މައުމޫން، މައުމޫން އަބްދުލް ގައްޔޫމް މެދުވެރިކޮށް ސުޕްރީމް ކޯޓުގެ، ހާއްސަކޮށް ދެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ސައީދާއި އަލީ ހަމީދާ ބައްދަލުކޮށް ސުޕްރީމް ކޯޓުގެ ނިންމުންތަކަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަން އެބަ އޮތް ފާހަގަކުރެވިފަ،" ޝިފާން ވިދާޅުވިއެވެ.

ޝީފާން ވިދާޅުވީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބޭފުޅުން ހެކި ދިނުމަށް ދެކޮޅު ހަދައި ތަހްގީގަށް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ. އަދި އެ މީހުންގެ މައްސަލަ ތަހުގީގްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް