އިންޑިއާ ސިފައިން ރާއްޖެ ނުފޮނުވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ވަނީ ލިބިފައި: ޑިފެންސް

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިޔައްގެންދިޔަ "ވިކްޓްރީ ރަން"ގައި ދިވެހި ސިފައިން މަގުމަތީގައި ދުވަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އިންޑިއާ ސިފައިން ރާއްޖެއަށް ނުވޮނުވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރަށް ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން އެހެން ބުނެ މިއަދު ނޫސް ބަޔާނެއް ނެރެފައި މިވަނީ، ރާއްޖޭގައި މިފަހުން އުފެދުނު ސިޔާސީ ހަލަބޮލިކަމާ ގުޅިގެން އިންޑިއާ ސިފައިން ރާއްޖެ އައުމަށް ބައެއް ސިޔާސީ ބޭފުޅުން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، ރާއްޖެއަށް އިންޑިއާގެ ސިފައިން ނުފޮނުވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައި ވަނީ ރާއްޖެއާއި އިންޑިއާއަކީ ޒަމާނުއްސުރެ ވަރަށް ބަދަހި ގުޅުމެއް ގާއިމްކުރެވިފައިވާ އަދި މިހާރު ވެސް އެ ގުޅުން ދަމަހައްޓަމުންދާ ދެ ގައުމަކަށްވާތީ ކަމަށެވެ.

އަދި އެފަދަ ވާހަކަތައް އެ ދައްކަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާމެދު ސުވާލު އުފެއްދުމުގެ ނިޔަތުގައި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ އެހީތެރިކަމަށް އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން އެދިފައިނުވާނެކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ، އެފަދަ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފަ އެވެ.

"ދިވެހިރާއްޖެއާ ދެކޮޅަށް ބޭރު ގައުމެއްގެ ސިފައިން އަތުވެދާނެކަމުގެ ބިރުވެރިކަމެއް ނެތްކަމުގައި ދަންނަވަމެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވެދާނެ ކުޑަވެސް ކަމަކަށް ދިވެހި ސަރުކާރުން ފުރުސަތު ނުދޭނެކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް