ކުއްލި ނުރައްކަލުގެ ހާލަތުގައި ވަކީލުންނާ ބައްދަލުވުމަށް ލިބޭނީ 30 މިނިޓް: ފުލުހުން

ފުލުހުންގެ މައި އިދާރާ --- ސަންފައިލް ފޮޓޯ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން ފުލުހުން ބަންދުކޮށްފައި ތިބޭ މީހުންނާއި އެ މީހުންގެ ވަކީލުންނާ ބައްދަލު ކުރަން ލިބޭނީ ދުވާލަކު 30 މިނިޓް ކަމަށް ފުލުހުން ބުނެފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަކީލުންނާ ބައްދަލުވުމަށް ފުރުސަތު ނުލިބޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.

އެކަން ދޮގުކޮށް ފުލުހުން ޓުވީޓެއްގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވަކީލުންނާ އެ މީހުންގެ މުވައްކިލުންނާ ބައްދަލު ނުކުރެވޭ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަންދެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި ތަހުގީގު ކުރާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ވަކީލުންނާ ބައްދަލު ކުރުމަށް ދުވާލަކު 30 މިނިޓަށް ވުރެ ދިގު ނުވާ ގޮތަށް ފުރުސަތު ދިނުމަށް ވަނީ ހަމަ ޖެހިފައި،" ފުލުހުން ބުންޏެވެ.

އަދި ތަހުގީގުގައި ސުވާލު ކުރާ ދުވަސް ދުވަހު ވަކީލުންނާ ބައްދަލުވުން ނުލިބޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާންމުކޮށް ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ހުކުރު ހޮނިހިރު ފިޔަވައި ދުވާލަކު ދެ ގަޑިއިރު ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ދެ އެވެ.

comment ކޮމެންޓް