ހައްޔަރު ކުރި ލަންކާ މީހާގެ މައްސަލާގައި އެގައުމުގެ އެހީއަށް ވަކީލުން އެދެފި!

މާލޭ މަގުމަތީގައި ފުލުހުން ހަރަކާތް ތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސްރީލަންކާގެ ޕޮނިއާ ސުދާގަރަށް ވަކީލެއްގެ ފުރުސަތު ނުދޭ ކަމަށް ބުނެ މައްސަލާގައި ސްރީލަންކާގެ ބައިވެރި ވުމަށް ވަކީލުން އެދެފިއެވެ.

ޕޮނިއާ ހައްޔަރުކޮށްފައިވަނީ ޖެނުއަރީ 31 ވަނަ ދުވަހުގެ ރޭ މ. އެންދެރިގަސް ގެއިންނެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ގާނޫނީ ސަރުކާރެއް ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތެވެ.

ޕޮނިއާ ސުދާގަރަށް ވަކީލެއްގެ އެހީތެރިކަން ދިނުމަށް ފުލުހުން ދެކޮޅު ހަދަމުން ދާ ކަމަށް އޭނާގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރިފައެވެ. މިއަދު ވަކީލުން ވަނީ އެމައްސަލަ ސްރީލަންކާގެ ހައި ކޮމިޝަނަށް ރަސްމީކޮށް ހުށަހަޅައި، ސްރީލަންކާގެ އެހީތެރިކަމަށް އެދިފައެވެ.

މައްސަލައިގައި ގާނޫނީ ވަކީލެއްގެ ގޮތުން ވަކީލު މުހައްމަދު ފައްވާޒު އައްޔަނުވުމަށް ހުށަހެޅުމުން، ގާނޫނީ ވަކީލެއް ބޭނުން ނުވާ ކަމަށް ޕޮނިއާ ބުނެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ، ވަކީލުން ވަނީ ބުނެފައެވެ.

"ގާނޫނީ ވަކީލުންގެ އެހީތެރިކަން ދިނުމުގެ ދާއިރާއަކީ ހަމަ އެކަނި ތަހުގީގު ހިންގުން ކަމުގައި ނުވާއިރު މައްސަލައެއްގެ ތަހުގީގަށް ގާނޫނީ ވަކީލެއް ބޭނުން ނުވާކަމަށް ބުނުމަކީ ވަކީލެއްގެ އެހީތެެރިކަން ލިބުމުގެ ހައްގު އެއްކޮށް ގެއްލިގެން ދިއުމެއް ނޫން. އެއީ މީގެ ކުރިން އަމަލު ކުރާ އުސޫލެއްވެސް ނޫން،" ބަޔާނުގައި ބުނެފައިވެ އެވެ.

ޕޮނިއާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުމަށް ފުލުހުން ދެކޮޅު ހަދަނީ އޭނާ ލައްވައި ވަކި ގޮތަކަށް ބަޔާން ހޯދުމަށް ކަމަށް ވަކީލު ތުހުމަތު ކުރ އެވެ. އަދި ހިނގަމުންދާ ތަހުގީގު ވަކި ދިމާލަކަށް އަނބުރާލަން މަސައްކަތް ކުރާ ކަމަށްވެސް ވަކީލު ތުހުމަތު ކުރިއެވެ.

comment ކޮމެންޓް