ނުތަނަވަސްކަމެއް ހުރި ނަމަ، ރޮނާލްޑޯ ރެއާލް ދޫކޮށް ދާނެ: މާސެލޯ

ސްޕެނިޝް ލަލީގާގައި ސޮސިއެޑާޑް ކޮޅަށް ލަނޑު ޖެހުމަށްފަހު ރެއާލްގެ ރޮނާލްޑޯ އުފާފާޅުކުރަނީ: އެ މެޗުގައި އޭނާ ހެޓްރިކެއް ފުރިހަމަކުރި --- ފޮޓޯ/ އޭޕީ

ފަސް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދާފައިވާ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް މެޑްރިޑާ މެދު ނުތަނަވަސްކަމެއްގައި ހުރި ކަމަށް ދެކެވޭ ވާހަކަތަކަށް އެކްލަބުގެ ވައިސް ކެޕްޓަން މާސެލޯ ރައްދުދީފިއެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ، ރެއާލްއާއެކު ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ދެކޮޅަށް ނުކުތުމުގެ ކުރިން އޭނާ ވަނީ މިދިޔަ ހޮނިހިރު ދުވަހު ރެއާލް ސޮސިއެޑާޑް އަތުން 5-2ގެ ނަތީޖާއަކުން މޮޅުވި ސްޕެނިޝް ލަލީގާ މެޗުގައި ހެޓްރިކެއް ފުރިހަމަކޮށްފައެވެ.

ރެއާލް ދޫކޮށް އެހެން ކްލަބަކަށް ރޮނާލްޑޯ ބަދަލުވާން އުޅޭކަމުގެ ވާހަކަތަކެއް ދަނީ ފެތުރެމުންނެވެ. އެގޮތުން ރެއާލަށް ބްރެޒިލް ތަރި ނޭމާ ދީފިނަމަ ބަދަލުގައި ޕީއެސްޖީއަށް ރޮނާލްޑޯ ދިނުމަށް ރެއާލުން އެއްބަސްވާނެ ކަމަށްވެސް ހަބަރުތައް ދަނީ ފެތުރެމުންނެވެ.

"ތީގެ އެއްވެސް ވާހަކައެއްގައި ހަގީގަތެއް ނެތް. ރޮނާލްޑޯ ނުތަނަވަސްކަމެއްގެ ތެރޭގައި ހުރި ނަމަ، މިކްލަބުގައި އޭނާ މަޑެއްނުކުރާނެ. ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ ދަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން. އޭނާއާއެކު ރެއާލްގައި އޮތީ ވަރަށް ވަރުގަދަ ސްކޮޑެއް،" ބްރެޒިލްގެ ޓީވީ ޗެނަލް އެސްޕޯޓޭ އިންޓެރާޓީވޯއަށް ދިން އިންޓަވިއުއެއްގައި ރެއާލްގެ ބްރެޒިލް ފުލް ބެކް މާސެލޯ ބުންޏެވެ.

މާސެލޯ ބުނީ ރެއާލްއާއެކު ރޮނާލްޑޯގެ އެއްވެސް ނުތަނަވަސްކަމެއް ހުރި ކަމަށް ގަބޫލުނުކުރާ ކަމަށާއި އޭނާއަށް ކުރެވޭ ކަންތައްތައް މުޅި ދުނިޔެއަށް އެނގޭނެ ކަމަށެވެ. އަދި އެކަން ސާފުކޮށް ނޭނގޭ މީހުން ކްލަބުގެ ތާރީހުގެ ތެރެއަށް ބަލައިލުމަށްވެސް ބްރެޒިލް ޑިފެންޑަރު އެދުނެވެ.

މިސީޒަނުގެ މިހާތަނަށް ރޮނާލްޑޯ ވަނީ ރެއާލަށް ކުޅުނު 28 މެޗުން 23 ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި 18 ސްޕެނިޝް ލަލީގާ މެޗުގައި އޭނާ ކާމިޔާބުކުރި 11 ލަނޑު ހިމެނެއެވެ.

comment ކޮމެންޓް