ދެވަންސޫރަ އަޅުވަން ސަޕްރައިޒަކާއެކު ޔޫއްޕެ ކުޅުދުއްފުއްޓަށް ދަނީ!

ދެވަންސޫރަގެ ޕޯސްޓަރެއް---

ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމު ދެވަންސޫރައަކީ އޮލިމްޕަސް ސްކްރީންގައި އެޅުވި މިއަހަރުގެ ފުރަތަމަ ފިލްމެވެ.

އަހަރުގެ ފުރަތަމަ އާ ފިލްމުގެ ގޮތުގައި ބެލުންތެރީންނާ ހަމައަށް ގެނައި އެ ފިލްމަކީ އާރ ޖޯންރާއެއްގެ ފިލްމެކެވެ. އާރ ޖޯންރާގެ ފިލްމަކަށް ވީނަމަވެސް އެ ފިލްމަށް ބެލުންތެރިން ދޭ ތަރުހީބު ވަކި ކުޑައެއް ނޫނެވެ.

ދިވެހި ސިނަމާތަކުން އާންމުކޮށް ނުފެންނަ ޖޯންރާގެ އެ ފިލްމު ބަލާލުމަށް ގިނަ ބަޔަކު އެދެމުންދާއިރު ފިލްމުގެ ޓީމުން މަސައްކަތް ކުރަނީ ގިނަ ރަށްތަކުގައި ފިލްމު އެޅުވުމުމަށެވެ.

މިހާރު ވެސް އޮލިމްޕަސް ސްކްރީނުގައި ދައްކަމުންދާ ދެވަންސޫރައަށް ގިނަ ޑައިރެކްޓަރުންގެ އިތުރުން ފިލްމީ ފަންނާނުން ވެސް ވަނީ ތައުރީފު ކޮށްފައެވެ.

މި މަހު 15 އަދި 16 ވަނަ ދުވަހުު ކުޅުދުއްފުށީގައި ފިލްމު އެޅުވުމަށް ވަނީ މިހާރު ހަމަޖެހިފައެވެ. ދެވަންސޫރަގެ ޓީމުން ބުނީ ޔޫއްޕެ ކުޅުދުއްފުއްޓަށް ފިލްމު އަޅުވަން ދާނީ ވަރަށް ހާއްސަ އަދި ބޮޑު ސަޕްރައިޒަކާ އެކު ކަމަށެވެ.

ދެވަންސޫރަ ރިލީޒްކުރީ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. ކުޅުދުއްފުށީގައި 15 އަދި 16ގައި އެޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި ފިލްމުގެ ޓިކެޓް ކުޅުދުއްފުށީ ޕެންޓަގުރާމް ފިހާރައިން ލިބެން ހުންނާނެ ކަމަށް ޓީމުން ބުނެއެވެ.

ޔޫއްޕެގެ ޑައިރެކްޝަނަކަށް އުފެއްދި "ދެވަންސޫރަ" އަކީ، ސްޓޫޑިއޯ ގްރީން، އެޕެކްސް ޕިކްޗާސް، ބްލެކް މީޑިއާ އިންކް، ޝައި ޕްރޮޑަކްޝަން، އެންވިޝަން އެންޓަޓެއިންމަންޓް އަދި މައި ޑްރީމް އެންޓަޓެއިންމަންޓް ވެސް ގުޅިގެން ގެނެސްދިން ފިލްމެކެވެ.

ސަސްޕެންސް ތްރިލާ ޖޯންރާއަށް ގެނެސްދިން ދެވަންސޫރަގެ ލީޑް ފިރިހެން ތަރިންގެ ފެނިގެން ދަނީ އިބްރާހިމް ޖިހާދު (ޖިމީ) އަދި މުހައްމަދު ފައިސަލް އެވެ. އަދި ސަޕޯޓިން ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ)، އަހުމަދު އީސަ (އާނަންދު) އަދި ޖާދުﷲ ފަދަ ތަރިން ފެނިގެންދެއެވެ. އަންހެން ކާސްޓުންގެ ތެރޭ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ކާމިޔާބު އެއް ތަރި ފާތިމަތު އާޒިފާ (އަޒޫ) އާއި ޝަކީލާ ވެސް އެ ފިލްމުން ފެނިގެންދެއެވެ.

މި ފިލްމަކީ ގިނަ މެސެޖުތަކެއް ލިބިގެންދާ ފިލްމެކެވެ. މީގެ އިތުރުން ފިލްމު ބަލާލަން ވަންނަ ކޮންމެ މީހަކަށްވެސް އަގުހުރި އިނާމެއް ލިބުމުގެ ފުރުސަތު އެބައޮތެވެ.

ފިލްމު ބަލައިލަން ވަންނަ ހުރިހާ އެންމެންގެ މެދުގައި ލެވޭ ގުރުއަތުން، ހޮވޭ ފަރާތަކަށް ސައިކަލެއް ލިބިގެންދާނެ އެވެ.

ފިލްމަކީ މިހާރުގެ މުޖްތަމައުގައި ހިނގާ ކަންތައްތައް ދައްކައިދޭނެ ފިލްމެކެވެ. މަރެއްގެ ހަގީގަތް ހޯދުމަށް ކުރާ މަސައްކަތް ފިލްމުން ދައްކުވައިދެ އެވެ.

comment ކޮމެންޓް