ނޭނގި ހިތާ ކުޅެލީ - 24

"ގާލްފްރެންޑު ކައިރިއަށް ޖައްސާލާފައި..." ލުކުމާން ހީލަމުން ބުނި އެއްޗަކުން ސަވާނާގެ ދެލޯ ބޮޑުކޮށްލެވުނެވެ. އެއާއިއެކު ހިތަށް ވިސްނައިދިނީ ލުކުމާން އޭނަ ތަޅުވާލަންވެގެން ބުނި އެއްޗެއްކަމަށް ގަބޫލުކުރުމަށެވެ. އިތުބާރުކުރުމަށެވެ. ނޫނީ ލުކުމާން އުޅެނީ އޭނަ ފިރިމީހާއަށް އިތުބާރުކުރާވަރު ޓެސްޓްކުރަން ވެގެންނެވެ. ސަވާނާ ޖަވާބެއް ދޭން އުޅެނިކޮށް މީހަކު ދޮރުގައި ޖެހިލިހެން ހީވެފައި ބާރުބާރަށް ގޮސް ދޮރު ހުޅުވާލައިފިއެވެ.

"ލިވީ....." ސަވާނާ ކުޑަކޮށް ރަކިވެފައި އެނބުރި ބަލައިލީ ލުކުމާންއާއި ދިމާލަށެވެ. ލުކުމާން ސަވާނާގެ އެނދުގައި އޮތްތަންފެނި ލިބުނު ސިހުމުގައި އަތުން ދަބަސްދޫވެގެން ވެއްޓުނުއިރު ދެލޯތަންމިނަށް ހުޅުވި އަނގަމަތީ އަތްއެޅިއްޖެއެވެ. އަތްދިއްކޮށްލާފައި ސްވިޗްވެސް ޖައްސާލެވިއްޖެއެވެ. މިއީ ދުވަހަކުވެސް އޭނަ ދެކެން ބޭނުންވިފަދަ މަންޒަރެއްނޫނެވެ. ލޯބިވާ ޒުވާނާ މިއޮތީ އެންމެ ގާތް އެކުވެރިޔާގެ ތަންމަތީގައެވެ. ލިވިއާ ހައިރާންކަމާއި ސުވާލުން ފުރިގެންވީ ނަޒަރަކުން ބަލައިލިއިރު ހިތުގައި ބިރުވެރި ފިނި ރާޅުތަކެއް ޖަހާލައިފިއެވެ. އޭނައަށް ނާންގާ މިދެމީހުން ކައިވެނި ކުރީކަމުގައި ޔަގީންކުރެވުނެވެ. ސަވާނާގެ މޫނަށް ވެރިވެފައިވާ ކުލަވަރުން އެކަނިވެސް ޖަވާބު ލިބިއްޖެއެވެ.

"ލައިޓް އޮފްކޮށްބަލަ. އަހަރެން ނިދަންވެއްޖެ......" ލުކުމާން އެދުނެވެ.

"ލޫކް މި ރޫމްގައި ކީއްކުރަނީ..." ލިވިއާގެ ތޫނު އަޑު ކޮޓަރީގައި ހިފާލުމުން ލުކުމާން އެނބުރި ބަލާލުމާއިއެކު ހެޑްބޯޑަށް ލެނގިލުމުން ލިވިއާގެ ރުޅި އިންތިހާއަށް ގަދަވިއެވެ.

"އަހަރެމެން މެރީ ކުރީ......" ލުކުމާން ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ. އެ ތުންފަތްމަތީގައި ލާނެތް ހިންޏެއްވިއެވެ. ލިވިއާއަށް ވެފައިވާނެ ވަރު އަންދާޒާކުރެވުނެވެ. ކުޅިގަނޑުފެށީ ލިވިއާ ނޫންހެއްޔެވެ؟ އެންމެފަހުން މިއޮތީ ލިވިއާ ބިރުގަތް ދުވަސް ދިމާވެފައެވެ. އޭނަގެ އަންބަކަށް ސަވާނާ ހަދާފައެވެ. އޭނަ އެގޮތް ބޭނުން ނުވެގެން ދުރަށް ދާން މަސައްކަތްކުރިއެވެ. ނަމަވެސް ތަގުދީރުވެސް އޭނަ ދުރަށް ދިޔަކަނުދިނެވެ.

"ހައު ކުޑް ޔޫ ޑޫ ދިސް ޓު މީ....." ލިވިއާއަށް ބުނެލެވުނެވެ. ލިވިއާ ހަމައިން ނެއްޓިއެވެ. އެތެރެހަށީގައި އުފެދުނު ރުޅިވެރިކަމުގެ އަލިފާން ކޮންޓްރޯލް ނުވެ ފަޅަފަޅައިގެން ދާވަރު ވިއެވެ.

"ވަޓް ޑޫ ޔޫ މީން ލިވީ. މި ކައިވެންޏާއި ދެކޮޅުތަ؟ " ސަވާނާއަށްވެސް ސިހުމެއްލިބުނެވެ. ލިވިއާގެ އިހުސާސްތަކުން ދެނެގަންނަންވީ ކޯންޗެއްކަމެއް ނޭގި ބުމަ ކައިރިކޮށްލެވުނެވެ.

"އޮފްކޮޒް ނޮޓް. ދެރަވީ ނަންނި ނުބުނެ މެރީ ކުރީމަ. އެންމެ ގާތް އެކުވެރިޔާ ސިއްރުން މެރީކުރިކަން މިގޮތަށް ފަޅާއެރީމަ ހިތަށްކުރާނެ އަސަރު ވިސްނާލަބަލަ. ނަންނިވެސް ދެން ހާދަ ސިކްރެޓިވް ވެއްޖެއޭ......." ލިވިއާ ރުޅިގަނޑު ފޮރުވަން ހީގަތީއެވެ. އޭނަ ދެރަވެ ރުޅިއައިކަން ސަވާނާއަށް އަންގައިގެން އަދި ނުވާނެ ނޫންހެއްޔެވެ؟ ލުކުމާން ސަވާނާއާއި ކައިވެނިކުރަން ބާރު އެޅިމީހަކީ ޚުދު އޭނައެވެ.

"އޯ މައި ގޯޑް. ދެޓްސް ވޮންޑަފުލް. ދެކުދިންނަށް ކޮންގްރާ. އަމް ސޯ ހެޕީ ފޯ ޔޫ ގައިސް. މިހާރު ނަންނި މަގޭ ފަހަރިއަކަށްވެސް ވީއެއްނު. އާދެބަލަ ހަގްއެއް ދޭން..." ލިވިއާ ސަވާނާ ގެނެސް ބައްދާލިއިރު ދެލޮލުން ވަރުގަދަޔަށް ލުކުމާންއަށް ކަޅި އަޅައިލިއެވެ. އޭރު ލުކުމާންވެސް އޮތީ ބަލަހައްޓައިގެން ހެވިފައެވެ. ލުކުމާން އެއްލޯ މަރާލުމަށްފަހު އަނެއް ފަޅިއަށް އެނބުރި ނިދަންވެގެން އުޅުނެވެ. ސަވާނާ ލިވިއާ އަތުގައި ހިފައިގެން ނުކުތީ ލުކުމާންއަށް އުދަގޫ ނުކުރަންވެގެންނެވެ. އެކަމާއިހެދި އަދި ވަކިން ބޮޑަށް ލިވިއާގެ ރުޅިގަދަވިއެވެ.

ޖެހިގެން އައި ދުވަހެވެ. ލުކުމާން ލިވިއާއާއިއެކު އެކަނި ވަގުތުކޮޅެއް ހޭދަކޮށްލާ ހިތްވިއެވެ. ސަވާނާ ނިދަން ފޮނުވާލާފައި ކޮފީއަކަށް ޓެރެސްއަށް ދިޔަމީހާ ލިވިއާ ކައިރީ ބުނީ ސަވާނާއަކީ އޭނައަށް އެއްވެސް މީހެއް ނޫންކަމުގައެވެ. އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނޫން ކަމުގައެވެ. އޭނަ އިންތިޒާރުކުރަނީ ހަމައެކަނި ލިވިއާއަށް ކަމުގަޔާއި ދާދި އަވަހަށް ކައިވެނިކުރާނެ ކަމުގައި ބުނެ ވައުދުވިއެވެ. ދެމީހުން ބޮކި ނިވާލައިގެން ޓެރެސްގެ އުނދޯލީގައި ތިއްބާ މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވިގެން ލިވިއާ އަވަހަށް ދުވެގޮސް އެތާހުރި ސޯފާއެއްގެ ބިއްދޮށަށް ވަދެ ނިވައިވެލެވުނީ ހަމަކިރިޔާއެވެ. އެއީ އިމާދުއްދީންއެވެ.

"ހެލޯ ސަން އިން ލޯ......." އިމާދުއްދީން ކުޑަތަންކޮޅެއް ދުރުގައި ހުއްޓިލިއެވެ.

އޭނައަށްވެސް ދެން ހުރި މީހާ ގޮސް ފިލީކަން އެނގުނެވެ. ޔަގީންކުރީ ސަވާނާ ކަމުގައެވެ. ހަގީގަތަކީ އޭނަ ލިވިއާ އަށް މެސެޖްކުރިއެވެ. ޓެރެސްއަށް ހަނދުވަރުގެ ރީތިކަން ދެކެން އަންނާށޭ ބުނެފައި އިންތިޒާރުކުރަން އައިއިރު އެކަން ކާމިޔާބުވާ ކަހަލަ ގޮތަކަށް ނުވިއެވެ.

"ވެން ޑިޑް ޔޫ ކަމް ބެކް......."

"އަހަރެން އައީ ކްލައިންޓެއް ގޮވައިގެން. ހަވީރު އައިގޮތަށް ރިޒޯޓުގައި އުޅެލާފައި މިއައީ......"

"އޯ....." ލުކުމާން އިތުރަށް ވާހަކަދައްކާކަށް ބޭނުމެއް ނުވިއެވެ.

ލުކުމާންއާއި ސަވާނައަށް ފުރުސަތު ދީފައި އިމާދުއްދީން ސިޑިން ފޭބިތަން ފެނިފައި ލުކުމާން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ. އެދެމީހުން މިރޭ ބޭޒާރުނުވެ ސަލާމަތްވީ ކިރިޔާއެވެ. ލިވިއާ އެތަނުން ނުކުތްގޮތަށް މަޑުކުރާކަށް ބޭނުމެއްނުވިއެވެ. އިމާދުއްދީންއަށް ޝައްކުވެއްޖެއްޔާ އޭނަގެ ހުރިހާ ރޭވުމެއް ފަނިވެދާނެއެވެ. އިމާދުއްދީންގެ ފަރާތުން އޭނައަށް ލިބޭ ފައިދާތައް ކިތަންމެހާވެސް ގިނައެވެ. ދަތުރުތަކާއި މީރު ކެއުން އަދި ރީތި ހަދިޔާތައް އޭނަގެ ހިތް އުފާވާވަރަށް ލިބޭއިރު އެކަމަށް ލުކުމާންވެސް ހުރަސް އަޅައިގެން ނުވާނެ ނޫންހެއްޔެވެ؟ މިފަހަރު މިއައީ ސިންގަޕޫރު ދަތުރެއް އަޅާފައެވެ.

އިމާދުއްދީން ކޮޓަރިއާއި ދިމާލަށް ދަނިކޮށް ފެނުނު މަންޒަރަކުން ގައިން ހީބިހި ނަގައިލިއެވެ. ސަވާނާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ބަލައިލީއެވެ.

"ވީއިރު އެތާ އުޅުނީ ކާކުތަ؟ "ހިތުގައި ޝައްކުތަކެއް ހިނގައިލިއެވެ. ލިވިއާ ކޮބާހެއްޔެވެ؟ ލިވިއާއާއި ލުކުމާން އެހާ ނުބައި ގުޅުމެއް އޮވެދާނެބާވައެވެ. ތިމާގެ އެންމެ ގާތް އެކުވެރިޔާގެ ފިރިމިހާއާއި ސިއްރު ގުޅުމެއް ހިންގާ ވަރަށް ވުރެ އެދެކުދިންގެ ގުޅުން މާ ބޮޑެވެ. ލުކުމާން ސަވާނާއާއި ގުޅުވި މީހަކީވެސް ލިވިއާއެވެ. ކޮޓަރިއަށް ވަދެފާވެސް ހިތްހަމަނުޖެހި ހިތުގައި ޝައްކުތައް އުފެދިގަތްވަރުން ކެތެއް ނުކުރެވުނެވެ. ލުކުމާންއާއިއެކު އެތާ އުޅުނީ ކާކުކަން ނުބަލާ މިރެއަކު ނުނިދޭނެއެވެ. ދެވަނަފަހަރަށް މައްޗަށް ދިޔައީ އެކަން ޔަގީންކުރަން ވެގެންނެވެ. މިފަހަރު ލުކުމާން އުނދޯލީގައި އެކަނިމާއެކަނި ނިދިފައި އޮތްވާ ފެނުމުން އެހިސާބަށް ފޯނުން އަލި އަޅުވާލައިގެން ޗެކްކުރިއެވެ. އޭނަގެ ލޯމައްޗަށް ފެނުނު މަންޒަރެއް ބާވައެވެ. ނޫނީ ބުޅަލެއްފަދަ އެއްޗެއް ހަރަކާތްކުރީމަ އޭނައަށް އަންހެންކުއްޖެއްހެން ހީވީބާވައެވެ. އެކަމަކު ލުކުމާން މިތާ ނިދަން އޮންނަން ޖެހުނީ ކީއްވެބާވައެވެ. ސަވާނާއާއި ދެކުދިން މިހާ ފަސޭހައިން އަރައިރުންވެ ރުޅިހެދީބާވައެވެ.

އިމާދުއްދީން ލިވިއާއަށް ގުޅިއެވެ.

"މަގޭ ފުރާނަޔާ ކޮންތާކު ތިއުޅެނީ....."

"އެނދުގައި ޖައްސައިލިގޮތަށް ނިދުނީ ޑާލިންވެސް ދެން ނިދާލާ........" ލިވިއާ ނިދި އަޑަކުން ބުނެލިއެވެ.

"ހަމަ ދެކެލާހިތުން. ބުނަންވެސް ނޭގޭނެ ތި ހަނދެއްފަދަ ފުރިހަމަ ފަރި ކަމަނާ ފެނުނީމަ އަހަރެންގެ ހިތަށް މިލިބޭ އުފަލެއް. މަގޭ ފުރިހަމަ ފުރިހަމަ ހަނދެއްފަދަ މަލަކާ...." އިމާދުއްދީން ތައުރީފު ކުރަން ފެށިއެވެ. ވާރޭ ބޯކޮށްލުމުން ލިވިއާގެ ފޮނި އަޑު ކަންފަތަށް އިވުމުން މަހުރޫމްވުމުން އޭނަގެ ހިތަށް ވީތަދާއިއެކު މޭގައި ފިރުމާލެވުނެވެ. ލިވިއާއާއި އެއް ފުރާޅެއްގެ ދަށުގައި ވުމުގެ ނަސީބި މިންވަރުކުރައްވާފައި ވީނަމަވެސް އަދިވެސް ދިގު އިންތިޒާރެއްކުރަން މަޖުބޫރުވެފައިވެއެވެ. ލިވިއާގެ އެންމެ ބޮޑު ހުވަފެނަކީ ކިޔަވައިގެން ގަދަރުވެރި ވަޒީފާއެއްގައި ހުރުމެވެ. އޭނަގެ ކުރިމަގު އުޖާލާކުރަން ހަމައެކަނި މުހިއްމުވަނީ ތައުލީމާއި ފައިސާކަމުގައި ލިވިއާ ދެކެއެވެ.

ލުކުމާންއަށްޓަކާ ސަވާނާގެ ހިތް ލޯބިން ފުރިފައިވީއިރު އެކަން ލުކުމާންއަށް އެނގޭކަމަކަށްނުވެއެވެ. ނޫނީ އެކަން އެނގެން ބޭނުންނުވަނީއެވެ. އޭނަ އުޅެނީ މުޅިންވެސް ވިޔަފާރިއާއިގެންނެވެ. އޭނައާއި ލިވިއާގެ ސިއްރު ބައްދަލުވުންތައް ހިފައިގެން އުޅޭ އެޕާޓްމެންޓްގައި ކުރިއަށްދާ ކަން ދެނެހުރި ހަމައެކަނި މީހަކީ ކައިދަންއެވެ. ކައިދަން އެތައްފަހަރުމަތިން ލުކުމާންއަށް ވިސްނައިދީފައިވަނީ ލިވިއާފަދަ އަންހެންކުއްޖަކާއި ގުޅުން ނުބޭއްވުމަށެވެ. ސަވާނާއާއި އަށް އެހިތުން މަގާމެއް ދިނުމަށެވެ. އެކީ އުޅެން ވެއްޖެއްޔާ ލޯތްބާއި ކުލުނު އުފެދިދާނެ ކަމުގައި ބުނުމުން ލުކުމާން ހިނިގަނޑެއް ޖަހައިލިއެވެ.

"އަހަރެންގެ މަންމަ ރޭޕްކުރިމީހާގެ ދަރިއަކަށްޓަކާ ދުވަހަކު މިހިތުގައި ވިންދެއް ނުޖަހާނެ. އެކަމަކު އަހަރެން އެކުއްޖާ ދޫކޮށެއްނުލާނަން. އޭނަ ހުންނާނީ އަހަރެންގެ ގޭގައި. އަހަރެންގެ ގާތުގައި..........."

ލުކުމާން ހީލާފައި ދެން ކިޔައިދިން ސިއްރަކުން ކައިދަންވެސް ސިހޭގޮތްވިއެވެ. ލުކުމާން ސަވާނާގެ އަތުން އެކުއްޖާގެ ގެ ފޭރިގަތުމަކީ ޚިޔާނާތެއް ނޫންހެއްޔެވެ؟ އެއީ ފިރހެނަކަށްވެ ހުރެ ކުރަން ފިނޑި އަމަލެކެވެ. ލުކުމާން ބުނީ އޭނަ ދުވަހަކުވެސް އެހާ މާތް މީހަކަށް ނުވާނެކަމުގައެވެ. ޚިޔާނާތާއި ވައްކަމުގެ ތަތްގަނޑު ޖަހަން މަޖުބޫރުކުރުވީ ސަވާނާގެ ބައްޕައެވެ. ސަވާނާއަށް ހަގީގަތް އެނގޭ ދުވަހަކުން ޝަކުވާއެއް ނެތި އެގޭގައި ހުންނަން ބޭނުންވެއްޖެއްޔާ އޭނަ މަރުހަބާކިޔާނެއެވެ. އޭނަދެކެ ނަފްރަތުކޮށް ދެކޮޅުވާންވެއްޖެއްޔާ އެކަމާ އޭނަ ކުރާނެކަމެއް ނެތެވެ. ސަވާނާގެ މޮޔަކަމުން އަމިއްލަ އަތުން ސޮއިކޮށްފައި އެގެ އޭނައަށް ހަދިޔާކުރީއެވެ. ހުރިހާ މުދަލަކާއި ގެދޮރެއް އަތުން ބީވެދިޔުމުން އިމާދުއްދީންއަށް ކުރާނެ އަސަރާއި ބޯ ގޮވާނެވަރު ޚިޔާލުކޮށްލުމުންވެސް ލުކުމާންގެ ހިތަށް ބުނަންނޭގޭފަދަ ހިތްހަމަޖެހުން ލިބިދެއެވެ. ބަދަލުހިފުގެ ޖޯޝްކުރިއަށްވުރެވެސް ވަރުގަދަޔަށް ލޭ ނާރުތަކުގައި ދައުރުވެލިއެވެ.

ސަވާނާ ކިތަންމެ ފަހަރަކު ލުކުމާންއާއި ކައިރިވާން ނުސީދާކޮށް މަސައްކަތްކުރެއެވެ. އެއިން ކޮންމެ ފަހަރަކުވެސް ލުކުމާން ދުރަށް ދަނީ ސަވާނާގެ ހިތުގައި ޖައްސާ ލަދުގަންވާލާފައެވެ. އެވަރުންވެސް ސަވާނާއަށް ވިސްނޭގޮތެއް ނުވެއެވެ. ނޫނީ ލޯބީގެ މޮޔަ ބޮލަށް ވެރިވެފައިވާލެއް ބޮޑުކަމުން ރަގަޅަށް ނުވިސްނެނީއެވެ. ސަވާނާ ހަނދާން ހުންނަނީ އިރުކޮޅަކަށެވެ. ދެވަނަ ސިކުންތުކޮޅުގައި ލުކުމާންގެ ހުރިހާ ނިކަމެތިކުރުންތައް ސިކުނޑިން ފޮހެލެވެނީ ލޯބީގެ ބާރުގައެވެ. ސަވާނާ ރުޅިގަދަވެފައި ހުރެފަ އަންނަގޮތަށް އެހެން ޖެއްސުމެއް ކޮށްލާނެއެވެ. ފެންޖެހުން ނޫނީ ކާއެއްޗަށް ކޮންމެވެސް އެއްޗެއް އަޅާފައި ދީފާނެއެވެ. ތަޅުދަނޑި ފޮރުވައިގެން އެ ހޯދަން ޖައްސުވާފާނެއެވެ.

އެދުވަހުވެސް ލުކުމާންގެ ލެޕް ހުޅުވާފައި ފާޚާނާއަށް ވަނުމުން ބަލައިލާފާ ގަސްތުގައި ޑޭޓާ ބޭސްއާއި ބެކަޕްވެސް ޑިލީޓްކޮށްލައިފިއެވެ.

"ސޮރީ. ކުޅެނިކޮށް އޮޅިގެން ޑިލީޓްކުރެވިއްޖެ. މިއީ ކާކުގެ ލެޕެއްތަ....." ސަވާނާއަށް ވިސްނުނީ އެހެން ދުވަހު ލުކުމާން ގެންގުޅޭ ލެޕްނޫންކަމެވެ.

"ޑޭމިޓް......ކިތައް ދުވަހު ބުނާނީ ތި މޮޔަގަނޑު މަގޭ އެއްޗެހީގައި އަތްނުލާށޭ.................." ލުކުމާން ރުޅިގަދަވެގެން އައިގޮތަށް ހީވީ މޫނުމަތީ އެތިފަހަރެއް ޖަހާފާނެހެންނެވެ. އެއެތިފަހަރު ފާރަށް ބޭލިއިރު ކޮލުކަށިގަނޑަށް ބާރުކޮށްލައިގެން ހުރިތަން ފެނިފައި ސަވާނާ ހާސްވިއެވެ.

"އަހަންނަށް ފެންނަ ހިސާބަށް ނައިސް ހުރެބަލަ....." ލުކުމާން ނުރުހުމުގެ ނަޒަރަކުން ބަލައިލިއެވެ.

"ސޮރީ...." ސަވާނާ މާފަށް އެދުނެވެ.

"ކޮންމެފަދަ އުދަގުލެއް ޖައްސާފައިވެސް ތި ލަފުޒު ބުނެލިމަ ހީވަނީ އެ ހުރިހާކަމެއް ނިމުނީހެން. ސަވާނާ ތީ ކުޑަކުއްޖެއްނޫން. އެކަމަކު...ދެން ވަރަށް ފޫހިފާޑަށް ތިއުޅެނީ....."

"ލޫކް އަހަރެންދެކެ ހޭޓްކުރަންފެށީތަ؟ " ސަވާނާ ދެރަވެ ކަރު އެލުވާލައިފިއެވެ." މިހާރު ސްޓްރޭންޖައެކޭ އެއްގޮތް........."

"ހޫމް އެހެންތަ؟ " ލުކުމާން ލެޕް ލައްޕާލިގޮތަށް ހިންދެމިލިއެވެ.

"އަހަންނަށް އެނގޭ ސަވާނާ ބުނަން ތިއުޅެނީ ކީކޭކަން. އަހަރެން މިއީ ބީރައްޓެއްސެކޭ ތިބުނީ ކޮން މާނައެއްގައިކަން އެނގިއްޖެ. ސޮރީ އަހަންނަށް އެނޫންގޮތެއް ނެތީމަ. މެރީކުރަން އުޅުނުއިރުވެސް އަހަރެން އޮންނާނީ އެކްސްޕްލެއިންކޮށްދީފައި. ފުރަތަމަ ރޭ ހިނގިކަމެއް ހިނގީ އަހަރެންގެ އިޚުތިޔާރުގައެއްނޫން. އެރޭ އެހެން ދާންވީ ސަބަބެއް އަދިވެސް ނުވިސްނޭ. އަރަތެއް އެއީ. އެރޭ އަހަރެން ހަމަހޭގައި ހުރިނަމަ ސަވާނާއާއި އެއްވެސް ގުޅުމެއް ބާއްވަން މިހިތް ދެކޮޅުހެދީސް. އައިމް ސޮރީ އެރޭ އެގޮތަށް ވީމަ. އެނގިގެނެއްނޫން އެރޭ އެހުރިހާކަމެއް ހިނގީ. ސަވާނާ ބޭނުމިއްޔާ ޓެސްޓް ހައްދާ............" ލުކުމާންގެ ޖުމްލަތަކުން ސަވާނާގެ ހިތް ފޮތިފޮތިވިއެވެ. އެސްފިޔަތަކުގައި ފިލާހުރި ކަރުނައިގެ ރޮގެއް ތިރިއަށް ދެމިގަތެވެ. ވަގުތުން އޭނަ އެނބުރުނީ އޭނަ ރޯކަން ނާންގަންވެގެންނެވެ.

ލުކުމާން ކުރިން އުޅުނީ އަވަދިނެތްކަމުގެ ބަހަނާދައްކާފައެވެ. އެންމެރަގަޅެވެ. އޭނަގެ މައްސަލައެއް ހުއްޓަސް ލޯބިން އުޅެވިދާނެނޫންހެއްޔެވެ؟ މައްސަލައެއް ހުއްޓަސް ދެމަފިރިންހެން އުޅެވިދާނެއެވެ. ލޯބިން އަނގައިން ބުނެލިޔަސް ލުކުމާންގެ ގައިން ބައެއް އުނިވާނީއެއްނޫނެވެ. އޭނަގެ ހިތުގައި ލޯބީގެ ހުޅުކޮޅު ރޯކޮށްލާފައި ލުކުމާން މިގޮތަށް ދުރަށް ދިޔައިމަ ހިތަށްވާނީ ކިހިނެއްހެއްޔެވެ؟ ލުކުމާންގެ ހިތެއްވެސް ނެތީބާވައެވެ. ލުކުމާންގެ އެލަފުޒުތަކުން ހިތަށް އެވީގޮތް ބަޔާންކޮށްދިނުމަކީ ގައިމު ހިތަކަށް ހުޅަދާނަކަމެއްނޫނެވެ.

އޭނަ ޓެސްޓް ހައްދަންވީ ކީއްކުރަންހެއްޔެވެ؟ ލުކުމާންގެ ހަށިގަނޑުގައިވާ ބައްޔެއް އޭނައަށް ޖެހިދާނެތީ އޭނަގެ ހިތުގައި ބިރުވެރިކަމެއްނުވެއެވެ. ގައިން ގަޔަށް ބައްޔެއް އަރާފާނެތީ އޭނަ ބިރަކުން ނޫޅެއެވެ. އެޗްއައިވީ ފަދަ ވައިރަސް އެއް ހުރިކަމުގައިވިޔަސް އޭނައަށް އެންމެރަގަޅެވެ. އެބަލި ނުޖެހުނަސް މަރުވާންވީމަ ގެންދަވާނެއެވެ. މަރަށް ފިލައިގެނެއް ނުޅެވޭނެއެވެ. ބަލިތަކުގެ ފަރުވާވެސް ލައްވާފައިވަނީއެވެ. ވީއިރު ލުކުމާން އޭނަގެ ހިތާއި މިގޮތަށް ކުޅެލުމުގެ ހައްގު އޭނަ ދޭންވީ ބާވައެވެ. މިހުރިހާ ވާހަކަތަކެއް ހިތުގައި ބަހައްޓައިގެން ހުންނަންވުމުން ހިތަށް ނުކުޅަދާނައެވެ. ލިވިއާއަށް ކިޔައިދޭންވީއެވެ. އޭރުން ހިތަށް ލުޔެއްލިބިދާނެއެވެ. ލިވިއާވެސް އޭނައާއި ވާހަކަދައްކާނެނަމައެވެ.

އެހެން ކޮޓަރިއެއްގެ ހިމާޔަތް ހޯދުނުގޮތަށް ކުޑަކަކޫމައްޗަށް ތިރިވެވިއްޖެއެވެ. ބާރުބާރަށް ރޮވެންފެށުމުން އަނގަމަތީގައި އަތްއެޅިއެވެ. ހިތާމައިންގޮސް ހިތް ހަލާކުވެ ރޮވެމުންދިޔަގޮތަށް ހުއްޓައެއްނުލެވި އެތައް އިރެއްވާންދެން އޭނަ ދޫލަމަތީގައި އެހެން ރޯލަރޯލާއޮތެވެ. ފޯނު ރިންގުވާން ފެށުމުން އޭނަ ގުޅަނީ ކާކުތޯ ބަލައިލިއެވެ.

(ނުނިމޭ)

comment ކޮމެންޓް