ދެ ކައުންސިލަރުން ޖަލު ބަންދަށް، ދެން ތިބި މީހުން ގޭ ބަންދަށް!

އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި މުޒާހަރާއިން ހައްޔަރު ކުރި ހަތަރު މީހަކު ---

އިއްޔެ ޒުވާނުން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ދެ ކައުންސިލަރުން ފަސް ދުވަހަށް ޖަލު ބަންދު ކުރަން އަމުރުކޮށް ދެން ތިބި މީހުން ގޭ ބަންދަށް ލާން ކްރިމިނަލް ކޯޓުން މިއަދު އަމުރު ކޮށްފި އެވެ.

އިއްޔެ އިމުޒާހަރާގެ ތެރޭން ހައްޔަރު ކުރީ ގދ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާނު ޖަމާލް އާއި އއ. ރަސްދޫ ކައުންސިލް މެންބަރު އަބްދުﷲ އަނިލް އަދި އެމްޑީޕީ ޔޫތު ވިންގްގެ ރައީސް މީކާއިލް ނަސީމް އާއި އެމްޑީޕީގެ އިކޮނޮމިކް ކޮމެޓީގެ މެންބަރު ސަފާއަތު އަހްމަދު އާއި އެ ޕާޓީގެ މެންބަރު އަދި ގާނޫނީ ވަކީލާ ޝީނާ މުހައްމަދު އެވެ.

ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ރައްޔާނާއި އަނިލް ފަސް ދުވަހު ޖަލު ބަންދުގައި ބެހެއްޓުމަށް މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.

އަދި މީކާއިލާއި ސަފާއަތު އަދި ގާނޫނީ ވަކީލާ ޝީނާ ފަސް ދުވަހަށް ގޭ ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އިއްޔެ ބޭއްވި މުޒާހަރާގެ ބައިވެރިން ގޮވަމުން ދިޔައީ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކޮށް ނެރުނު އަމުރު ތަންފީޒު ކުރުމަށެވެ.

'ސުޕްރީމް ކޯޓުގެ އަމަރު' ތަންފީޒުކުރުމަށް ލިޔެފައިވާ ބެނާ އާއި ބޯޑުތައް ހިފައިގެން މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗަށް ޖަމާވުމުން އެސްއޯ ފުލުހުން ވަނީ އެ މީހުން ޕޭމަންޓް މައްޗަށް ފަހަތަށް ޖައްސައި ބޯޑުތަކާއި ބެނޭތައް އަތުލައިފައެވެ.

އަދި އެ ފަސް މީހުން ހައްޔަރުކުރީ ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކި ކަމުގެ ތުހުމަތުގައެވެ.

comment ކޮމެންޓް