މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން އައިމިނަތު މާޝާ ހަސަން ހައްޔަރުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އިލްހާމްގެ އަނބިކަނބަލުން ހައްޔަރުކޮށްފައިވަނީ އިލްހާމާ ބެހޭ މައުލޫމާތު ސާފު ކުރުމަށް ކަމަށް ބުނެ މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު އެވެ.
އިލްހާމް ވީތަނަކާ ބެހޭގޮތުން ފުލުހުން މާޝާއާ ސުވާލު ކުރިކަން އެނގިފައިވެ އެވެ. އަދި ވީތަނެއް ނޭނގޭ ކަމަށް އޭނާ ބުނުމުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން އިލްހާމް ހޯދަން އިއުލާނު ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ނަމަވެސް އިލްހާމް ވީތަނެއް ނޭނގޭތީ އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން ވަނީ އެދިފަ އެވެ.
އިލްހާމާ އެކު މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހޯދަންވެސް ފުލުހުން އިއުލާނު ކުރި އެވެ. އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލު ވުމުން ހައްޔަރުކޮށްގެން ދޫނިދުއަށް ވަނީ ގެންގޮސްފަ އެވެ.
އިލްހާމާއި ސިނާނު ފުލުހުން ހޯދަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދިން ރިޝްވަތުގައި ހިފި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.