އިނގިރޭސި ޕްރިމިއާ ލީގުގައި އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ ކާމިޔާބުކުރި ހަތަރު ލަނޑާއެކު ލެސްޓާ ސިޓީ އަތުން މެންޗެސްޓާ ސިޓީން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ލެސްޓާގެ މައްޗަށް ސިޓީން ކުރި ހޯދާފައިވަނީ 5-1ގެ ނަތީޖާއަކުންނެވެ.
އެ މެޗު ފެށިތާ ތިން މިނެޓުތެރޭ ސިޓީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ކެވިން ޑި ބްރޭނާ ނަގައިދިން ހުރަހަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންއެވެ.
ސިޓީން މޮޅު ކުޅުމެއް ދައްކަމުންދަނިކޮށް، ޑިފެންސް ލައިނުގައި އެޓީމަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލެސްޓާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ލެސްޓާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް ޖެމީ ވާޑީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސިޓީގެ އޮލެކްސެންޑާ ޒިންޗެންކޯއާއި އިލްކާއި ގުންޑޮގަން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ސިޓީން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިތާ ތިން މިނެޓުފަހުން ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ސާޖިއޯ އަގުއެރޯ، ސިޓީއަށް އަލުން ލީޑު ހޯދައިދިނެވެ. މެޗުގެ 53 ވަނަ މިނެޓުގައި އަގުއެރޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ލެސްޓާގެ ގޯލްކީޕަރު ކެސްޕާ ޝްމައިކަލްއަށް ހެދުނު ގޯހަކުން އަގުއެރޯ ވަނީ ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި އަގުއެރޯގެ ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އުމުރުން 17 އަހަރުގެ އިނގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން ދިން ބޯޅައަކުންނެވެ.
އެ މޮޅާއެކު ލީގު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ 16 ޕޮއިންޓުގެ ލީޑެއްގައެވެ. ލީގުގައި ކުޅުނު 27 މެޗުން ސިޓީއަށް 72 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 26 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.