ޓްވިޓާއަށް އިންވެސްޓުކުރަން އިންވެސްޓަރުން ބޭނުންވޭ؟!

ޓްވިޓާގެ ސީއީއޯ ޖެކް ޑޯސީ---

ސޯޝަލް މީޑިއާ ނެޓްވޯކު "ޓްވިޓާ"އަށް ފާއިތުވި ކުއާޓަރުގައި ރިކޯޑު އާމްދަނީއެއް ލިބި، އެކުންފުނީގެ އަގު ވަނީ މައްޗަށް ޖެހިލައިފައެވެ. މިއާއެކު ޓްވިޓާގައި އިންވެސްޓު ކުރަން ބޭނުންވާ އިންވެސްޓަރުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

ހުސްވި އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ތަފާސްހިސާބުތައް ޓްވިޓާ އިން އާންމުކޮށްފައިވާއިރު އެކުންފުނީގެ އަގު ވަނީ 30 ފަސެންޓު މައްޗަށް ޖެހިލައިފައެވެ. މިއީ ޓްވިޓާގެ ހަޔާތުގައިވެސް އެކުންފުނީގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

އިންވެސްޓަރުންނަށް އޮތް ހަމައެކަނި ނުތަނަވަސްކަމަކީ އެކުންފުނީގެ ހަޔާތުގައި މިހާބޮޑު ކުރިއެރުމެއް އައީ ހުސްވި ކުއާޓަރުގައި އެކަނިކަމަށް ވެފައި، ކުރިއަށް އޮތްތަނުގައި ކުންފުނި ކުރިއަށްގޮސްފާނެ ކަމުގެ އުންމީދު ނެތުމެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި ޓްވިޓާގެ ރެވެނިއު ދެ ޕަސެންޓް އިތުރުވިއިރު އެމެރިކާގައި ވަނީ އަށް ޕަސެންޓް ދަށަށް ގޮސްފައެވެ.

ޓްވިޓާއަށް ކުރިއަށް ދިއުމަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފޭސްބުކް އަދި ގޫގުލްއެވެ. ޓްވިޓާ ބޭނުންކުރާ މީހުންގެ ދެގުނަ ފޭސްބުކް ޔޫޒަރުންގެ ގޮތުގައި އުޅޭއިރު ފާއިތުވި އަހަރު ޓުވިޓާގެ ހިއްސާއަކަށް ޖެހުނު ފައިދާއަކީ 44 ސެންޓެވެ.

ޓްވިޓާއިން އުއްމީދު ކުރަނީ އިންވެސްޓަރަކު އައިސް އެކުންފުނި ކޮޅަށް ޖަހައި މާކެޓްގައި މިހާރަށްވުރެ ބާރުގަދަ ކުންފުންޏަކަށް ހަދާނެ ދުވަހަކަށެވެ. މިހާރުވެސް އިންވެސްޓަރުން އެކުންފުނީގައި އިންވެސްޓުކުރުމަށް އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. ނަމަވެސް ފަސްޖެހެނީ ހުރި ގޮންޖެހުންތަކުގެ ބޮޑުކަމުންނެވެ.

comment ކޮމެންޓް