ރެޑްބުލް ނޭމާ ޖޫނިއާސް ފައިވްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދައިފައިވާ މުބާރާތެކެވެ. މިދިޔަ އަހަރުގެ މުބާރާތުގައި 53 ގައުމެއްގައި ކޮލިފައިން ބާއްވާފައިވާއިރު، އެއް ލައްކައަށްވުރެ ގިނަ ކުޅުންތެރިންވަނީ މުބާރާތުގައި ކުޅެފައެވެ. ކޮލިފައިން ބޭއްވި ހުރިހާ ގައުމަކުންވެސް، އެ ގައުމެއްގެ ޗެމްޕިއަން ޓީމުވަނީ ބްރެޒިލްގައި އޮންނަ ފައިނަލް ބުރުގައި ކުޅެފައެވެ.
ނޭމާ ޖޫނިއާސްގެ ފައިނަލް ބުރު ކުރިއަށް ގެންދަނީ މުބާރާތުގެ މޭސްތެރިޔާ، އަދި ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ނޭމާގެ އަމިއްލަ ރަށް ކަމަށްވާ ބްރެޒިލްގެ ސަންތޯސްގައެވެ.

ނޭމާ ޖޫނިއާސް ފައިވް މުބާރާތުގައި ނޭމާ ކުޅެނީ --- ފޮޓޯ/ ނޭމާ ފައިވް
ނޭމާ ޖޫނިއާސް ފައިވް މުބާރާތަކީ ތަފާތު ފޯމެޓެއްގެ ދަށުން ކުރިއަށް ގެންދާ މުބާރާތެކެވެ. މުބާރާތުގެ ކޮންމެ މެޗަކީވެސް 10 މިނެޓަށް ކުރިއަށްދާ މެޗެކެވެ. މުބާރާތުގައި ކުޅުމަށް ކީޕަރެއް ބޭނުމެއް ނުވާނެއެވެ. އަދި މުބާރާތުގެ ގަވާއިދުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ ގޯލައެއް ޖަހާއިރަށް އިދިކޮޅު ޓީމުން ކުޅުންތެރިއަކު މަދުވުމެވެ. އަދި މުބާރާތުގެ ގަވާއިދު ބުނާގޮތުން 10 މިނެޓް ކުރިން އިދިކޮޅު ޓީމުގެ ކުޅުންތެރިން ހުސްކޮށްލާ މެޗު ނިންމާލެވިދާނެއެވެ.
ދެ ޓީމު އެއްވަރުވެގެން ނިމިއްޖެނަމަ، ނަތީޖާ ކަނޑައަޅާނީ ދެ ޓީމުންވެސް އެއް ކުޅުންތެރިއެއް އަރައި، ދެމީހުންގެ މެދުގައި މެޗެއް ކުޅުމަށްފަހުއެވެ.

މިދިޔަ އަހަރު ރާއްޖޭގައި ކުރިއަށްދިޔަ ނޭމާ ޖޫނިއާސް ފައިވް މުބާރާތުގެ ތެރެއިން --- ފޮޓޯ/ ނޭމާ ފައިވް
ނޭމާ ޖޫނިއާ ފައިވްގެ ކޮލިފައިން މިދިޔަ އަހަރު ރާއްޖެ އައިސްފައިވާއިރު، މުބާރާތުގެ ގަވާއިދަކަށް ދިވެހިން އަލެއް ނުވިއެވެ. އެ މުބާރާތް ވެގެންދިޔައީ ފުޓުބޯޅައަށް ލޯބިކުރާ ގިނަބައެއްގެ ހިތް ދަމައިގަތް މުބާރާތަކަށެވެ. ރާއްޖޭގެ ހަ ސަރަހައްދެއްގައި ކޮލިފައިން ކުޅެފައިވާއިރު، ކޮލިފައިންތައް ބޭއްވި ހަ ސަރަހައްދުން ޖުމްލަ 267 ޓީމަކުން ބައިވެރިވެފައި ވެއެވެ. އަދި އެ މުބާރާތުގައި ރާއްޖެއިންވެސް 1368 ކުޅުންތެރިން ކުޅެފައިވެއެވެ.
މިއަހަރުގެ ކޮލިފައިން ރާއްޖޭގެ އަށް ސަރަހައްދެއްގައި ކުރިއަށް ގެންދިޔުމަށް ރެޑްބުލްއިންވަނީ ހަމަޖައްސައިފައެވެ. ކުރީ އަހަރާއި އެއްގޮތަށް މިއަހަރުވެސް މާލެ، ގދ. ތިނަދޫ، ގއ. ވިލިނގިލި، ޏ. ފުވައްމުލައް އަދި އައްޑޫގައި ކޮލިފައިންތައް ބާއްވާނެއެވެ. އަދި މީގެ އިތުރުން ފުރަތަމަ ފަހަރަށް ހދ. ކުޅުދުއްފުށި، ލ. ގަން އަދި ރީތިރަށް ރިސޯޓުގައިވެސް މިއަހަރުގެ ކޮލިފައިން ބާއްވާނެއެވެ.

މިދިޔަ އަހަރު ރާއްޖޭގައި ކުރިއަށްދިޔަ ނޭމާ ޖޫނިއާސް ފައިވް މުބާރާތުގެ ޗެމްޕިއަން ކްލަބު ޓީނޭޖް --- ފޮޓޯ/ ނޭމާ ފައިވް
މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖޭގެ ފައިނަލް ބުރުގެ ޗެމްޕިއަންކަން ހޯދީ ކްލަބު ޓީނޭޖުންނެވެ. ކްލަބު ޓީނޭޖުން ވަނީ ބްރެޒިލްގައި ރާއްޖެ ތަމްސީލުކޮށް، މޮޅު ކުޅުމެއް ދައްކާފައެވެ. ބްރެޒިލްގައި ކުޅުނު ފުރަތަމަ ބުރުގައި ސްޕެއިންއާއި އިންޑިއާ ފަދަ ގައުމުތައް ބަލިކޮށް ދެވަނަ ބުރަށް ދިވެހިރާއްޖެ ދަތުރުކޮށްފައިވާއިރު، ރާއްޖެ ކެޓީ ޖަޕާން އަތުން ބަލިވެގެންނެވެ.
ނޭމާ ޖޫނިއާސް ފައިވްގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދީ ރޮމޭނިއާއެވެ. މުބާރާތާ ގުޅޭ އެންމެފަހުގެ މައުލޫމާތުގެ އިތުރުން މުބާރާތަށް ރަޖިސްޓާ ކުރުމަށް ނޭމާ ޖޫނިއާސް ފައިވްގެ ވެބްސައިޓް www.neymarjrsfive.com އަށް ޒިޔާރަތް ކޮށްލައްވާށެވެ.