ރޮޑްރީގޯގެ ދިފާއުގައި ނޭމާ ނުކުމެއްޖެ

އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ އާއި ބްރެޒިލް ފޯވަޑް ރޮޑްރީގޯ، ބަހުގެ ހަމަލާތަކެއް ރައްދުކުރަނީ -- ފޮޓޯ/ ގެޓީ

ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް ރޮޑްރީގޯގެ ދިފާއުގައި ބްރެޒިލް ތަރި ނޭމާ ވާހަކަދައްކައިފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އަތުން 1-0ގެ ނަތީޖާއަކުން ބްރެޒިލް ބަލިވި މެޗުގެ ތެރެއިން ރޮޑްރީގޯ އާއި އާޖެންޓީނާ ކުޅުންތެރިންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފައެވެ. އޭގެ ތެރޭގައި އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީއާ ދެމެދު ވެސް ބަހުގެ ހަމަލާތަކެއް ރައްދުކުރިއެވެ.

އާޖެންޓީނާ ކުޅުންތެރިންނާ ދެމެދު ހިނގި އެ ކަންތައްތަކާ އެކު ރޮޑްރީގޯއަށް އޮންލައިން ފުރައްސާރަތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެ މައްސަލައާ ގުޅިގެން ނަސްލީގޮތުން ދިމާކުރުންތަކާ ރޮޑްރީގޯއަށް ކުރިމަތިލާން ޖެހިފައިވާ އިރު، އޭނާ ވެސް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ރޮޑްރީގޯ ބުނީ ނަސްލީގޮތުން ތަފާތުކުރާ މީހުން އަބަދަ ވެސް އުޅޭނެ ކަމަށާއި ނަސްލީގޮތުން ތަފާތުކުރުންތައް ގެންގުޅޭ ކަމުގައިވިޔަސް، ކުރަން ބޭނުންވާ ކަންތައްތަކާ އެކު ކުރިއަށްދާނެ ކަމަށެވެ.

ކަކުލުގެ އަނިޔާއަކާ ގުޅިގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި ނޭމާ، ރޮޑްރިގޯގެ ދިފާއުގައި ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ނަސްލީގޮތުން ތާފާތުކުރާ މީހުން ކަންބޮޑުވަނީ ރޮޑްރީގޯ ކުރިއަރަމުންދާތީ ކަމަށާއި ހުއްޓުމެއް ނެތި ކުރިއަށްދިއުމަށް އެދޭ ކަމަށެވެ.

އާޖެންޓީނާއާ ދެކޮޅަށް އަމިއްލަ ގައުމުގައި ބްރެޒިލުން ކުޅުނު އެ މެޗު، އާޖެންޓީނާ ސަޕޯޓަރުންނާއި ބްރެޒިލް ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މެދުކަނޑާލަން ވެސް ޖެހުނެވެ. އެ މެޗުގައި އާޖެންޓީނާއިން ޖެހި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލަސް އޮޓަމެންޑީއެވެ.

comment ކޮމެންޓް