ނޭމާގެ އަންހެން ދަރި ރަހީނުކުރަން މަސައްކަތްކޮށްފި

ބްރެޒިލް ތަރި ނޭމާ -- ފޮޓޯ/ ގެޓީ

ބްރެޒިލް ތަރި ނޭމާއާއި އޭނާގެ ލޯބިވެރިޔާ، ބްރޫނާ ބިއަންސިއާޑީގެ އަންހެން ދަރި މަވީ ރަހީނުކުރުމަށް ބަޔަކު މަސައްކަތް ކޮށްފިއެވެ.

ގޭންގަކަށް ނިސްބަތްވާ އެ މީހުން ވަދެފައިވަނީ ބްރެޒިލްގެ ކޯޝިއާގައި ހުންނަ ބިއަންސިއާޑީގެ ގެއަށެވެ. އެ މީހުން އެ ގެއަށް ވަން އިރު، އެ ގޭގައި އުޅުނީ ބިއަންސިއާޑީގެ މައިންބަފައިންނެވެ.

ބްރެޒިލްގެ ނޫހެއް ކަމަށްވާ "އާރް7"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަތިޔާރާ އެކު ދެ މީހަކު އެ ގެއަށް ވަނުމަށް ފަހު، ނޭމާގެ އުމުރުން އެއް މަހުގެ ދަރި މަވީ ހޯދަމުންދިޔައެވެ. ނަމަވެސް އެ ވަގުތު ނޭމާއާއި ބިއަންސިއާޑީ އަދި އެ މީހުންގެ ދަރި ވެސް އެ ގޭގައި ނެތް ކަމަށް އެ ނޫހުން ރިޕޯޓުކުރެއެވެ.

އެ މީހުން އެ ގެއަށް ވަނުމަށް ފަހު، ގޭގައި އެ ވަގުތު ތިބި ބިއަންސިއާޑީގެ މައިންބަފައިން ވަނީ ބަނދެފައެވެ. ނަމަވެސް އެ މީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބްރެޒިލްގެ މުނިސިޕަލް ސިވިލް ގާޑް (ޖީސީއެމް)އިން އާންމުކުރި ސީސީޓީވީ ފުޓޭޖަކުން ފެންނަ ގޮތުގައި ތިން މީހަކު ހިމެނޭގޮތަށް އެ މީހުން އެ ގެއަށް ގޮސްފައިވަނީ ކާރެއްގައެވެ. އޭގެ ތެރެއިން އެކަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ޖީސީއެމްއިން ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ މީހުންނަށް ނޭމާގެ ދަރި ނުހޯދުނު ނަމަވެސް، ބައެއް ތަކެތި ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި ބިއަންސިއާޑީގެ ލަގްޒަރީ އަތްދަބަސްތަކަކާއި ގަޑިތަކެއް އަދި ގަހަނާތަކެއް ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން ސާޖަރީއަށް ފަހު، އަލް ހިލާލްގެ ތަރި ނޭމާ ވެސް މި ވަގުތު ހުރީ ބްރެޒިލްގައެވެ.

comment ކޮމެންޓް