ބައިނަލްއަގުވާމީ ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޔޫއޭއީއަށް

ނައިބު ރައީސް އަބްދުﷲ ޖިހާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ގްލޯބަލް ޑައިލޮގް ފޯ ހެޕިނެސް އެންޑް ދަ ވޯލްޑް ގަވަމެންޓް ސަމިޓް" ގައި ބައިވެރިވެވަޑައިގެންނެވުމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.

ދަ ވޯލްޑް ގަވަމެންޓް ސަމިޓް އަކީ މި އަހަރު ދުނިޔޭގެ ސަރުކާރުތަކުގެ ކުރިމަގު ބައްޓަން ކުރުމަށް ހާއްސަކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ފޯރަމެކެވެ. މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

ކޮންމެ އަހަރަކު ވެސް މި ސަމިޓްގެ އެޖެންޑާގައި ކުރިއަށްއޮތް ޖީލުތަކުގެ ސަރުކާރުތަކަށް އާ އީޖާދުތަކާ ޓެކްނޮލޮޖީގެ އެހީގައި މުޅި އިންސާނިއްޔަތަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރޭވެނެ ގޮތްތައް ހިމެނެއެވެ.

މީގެއިތުރުން މި ސަމިޓްގައި ސަރުކާރުތަކުގެ މެދުގައި އާ އިޖާދުތަކާއި، ޓެކްނޮލޮޖީއާއި ބެހޭގޮތުން މައުލޫމާތު ބަދަލުކުރެވި، ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކާއި، ފަންނީ މާހިރުންނާއި، އިންސާނީ ތަރައްގީ އަށް މަސައްކަތްކުރައްވާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ސަމިޓް ކުރިއަށްދާނީ އެކި ބޭފުޅުންގެ ވާހަކަފުޅުތަކާއި، ގައުމީ ފެންވަރުގެ ލީޑަރުންގެ މެދުގައި ބޭއްވޭ ޕެނަލް ޑިސްކަޝަންސްތަކާއި، ދުނިޔޭގެ އެކިކަންކޮޅުތަކުންގެ ބައިނަލްއަގުވާމީ ފަންނީ މާހިރުން ހިމެނޭ ގޮތަށެވެ. ގާތްގަނޑަކަށް 140 ގައުމަކުން ހަތަރުހާހެއްހާ ބައިވެރިން މިސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް