900 ވަޒީފާއާއެކު ޔޫތު ޗެލެންޖް ފަށައިފި

ޔޫތު ޗެލެންޖް 2018 ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނުވަސަތޭކަ ވަޒީފާއަށް އަމާޒުކޮށް، މިނިސްްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ބާއްވާ ޔޫތު ޗެލެންޖް މިރޭ ފަށައިފިއެވެ.

ޔޫތު ޗެލެންޖް 2018 ހުޅުވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ މިއަހަރު އެ ފެސްޓިވަލްގެ ތެރެއިން ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

މިރޭ ފެށި ޔޫތު ޗެލެންޖް 2018ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

"މިތަނުން ޒުވާނުންނަށް 800 ވަޒީފާ ލިބިވަޑައިގަންނަވާނެ. އަދި އެއާއެކު ދަންނަވަންޖެހޭ އިންޓާންޝިޕާ، ވަޒީފާގެ އެކްސްޕީރިއަންސް ޕްރޮގްރާމްތަކާއި އެޑިއުކޭޝަން ޕްރޮގްރާމްތަކަށް ބަލާލާއިރު 900 ފުރުސަތު މިތަނުން ލިބިވަޑައިގަންނަވާނެ،" އިރުތިޝާމް މިދާޅުވިއެވެ.

އިރުތިޝާމް ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒުވާނުންނާއި ކުޅިވަރު އެޖެންޑާގެ 80 ޕަސެންޓް އަމާޒަށް ވާސިލްވެފައިވާ ކަމަށެވެ.

މިރޭ ފެށި ޔޫތު ޗެލެންޖް 2018ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިރެއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ހަޔަކަށް، އަދި ރޭގަނޑު އަށަކުން 11 އަށް ކުރިއަށްގެންދާ ފެސްޓިވަލްގައި ޒުވާނުންނަށް ހުރި ވަޒީފާއާއި ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާއި، ޒުވާނުންގެ ވިޔަފާރިތައް އަދި ވިޔަފާރީގެ ބާޒާރަށް ތައާރަފްކުރަން ބޭނުންވާ އާ އުފެއްދުންތައް ޕްރޮމޯޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއަހަރުގެ ޔޫތު ޗެލަންޖް ފެސްޓިވަލްގައި މީރާއާއި ހެލްތު މިނިސްޓްރީއާއި އެހެނިހެން ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އުރީދޫއާއި ރިސޯޓްތައް ފަދަ އަމިއްލަ ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފައެވެ.

ޔޫތު ޗެލެންޖް ފެސްޓިވަލްގައި މިއަހަރު 88 ސްޓޯލެއް ހިމެނެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާ ގުޅޭ 32 ސްޓޯލެއް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް