ޔޫތު ޗެލެންޖު: ޒުވާނުންނަށް އީދެއް!

ޔޫތު ޗެލެންޖު ފެށުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދަރުބާރުގޭގައި ރޭ ފެށިގެން ދިޔަ ޔޫތު ޗެލެންޖަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ޒުވާނުންގެ އެކްސްޕޯއެވެ. ޔޫތު ޗެލެންޖް އިފްތިތާހު ކުރައްވަމުން ޒުވާނުންގެ މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ޒުވާނުންނަށް ފަހި އުންމީދުތަކެއް ދެއްވައިފައެވެ. ޒުވާނުންގެ އެންމެ ބޮޑު ޔޫތު ޗެލެންޖާއެކު 800 ވާޒީފާގެ ފުރުސަތު ފަހިވެފައިވާ އިރު، އެކިއެކި އިންޓާންޝިޕް ޕްރޮގްރާމްތަކާއެކު އެ އަދަދު 900 އަށް އަރައެވެ.

ޔޫތު ޗެލެންޖް 2018 ފެށުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޔޫތު ޗެލެންޖުގައި ރާއްޖޭގެ ޓޫރިޒަމާއި އަމިއްލަ ވިޔަފާރިވެރިންގެ އިތުރުން ސަރުކާރުގެ ވުޒާރާތަކާއި އެންޖީއޯތަކުންވެސް ބައިވެރިވެފައިވެއެވެ. މިނިސްޓަރު އިރުތިޝާމް ވިދާޅުވީ މި ޔޫތު ޗެލެންޖަކީ ސަރުކާރުން ޒުވާނުންނަށް ގެނެސްދިން އީދެއް ކަމަށެވެ.

ޔޫތު ޗެލެންޖް 2018 ފެށުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޔޫތު ޗެލެންޖްގެ މަޖާ، ހިތްގައިމު، އެކުވެރިކަމުގެ މާހައުލުގައި ފުރުސަތުތައް ހޯދަމުންދިޔަ ޒުވާނުންގެ މޫނުމަތިން އުފާވެރިކަން ފެނިފައިވާ އިރު، މިނިސްޓަރު ވިދާޅުވީ މިފަދަ ބޮޑު ޗެލެންޖެއް ބޭއްވިގެންދަނީ ސަރުކާރުން ޒުވާނުންނަށް ދެއްވާ އަހައްމިއްޔަތުކަމުގެ ސަބަބުން ކަމަށެވެ.

"މިއީ ޒުވާނުންނަށް ދެވޭ އިސްކަމެއް، ޒުވާނުންނަށް ހޯދައިދެވޭ ފުރުސަތުތަކެއް. މިއީ ސަރުކާރުން ޒުވާނުންނަށް ދޭ އަހައްމިއްޔަތުކަން. ސަރުކާރުން ޒުވާނުންނަށް ދެއްވާ އަހައްމިއްޔަތުގެ ސަބަބުން މި ޔޫތު ޗެލެންޖުގައި ބައިވެރިވި ހުރިހާ ފަރާތްތަކުންވެސް ބައިވެރިވެދެއްވީ،" އިރުތިޝާމް ވިދާޅުވިއެވެ.

ޔޫތު ޗެލެންޖް 2018 ފެށުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޒުވާނުންގެ ޔޫތު ޗެލެންޖު ދަރުބާރުގޭގައި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ އިރު، މިއަދު އަދި މާދަމާވެސް ހަވީރު ހަތަރަކުން ހަޔަކަށް، އަދި ރޭގަނޑު އަށަކުން 11 އަށް ކުރިއަށްދާނެއެވެ. މިއަހަރުގެ ޔޫތު ޗެލެންޖްގެ ސްޓޯލްތައް ހެދުމަށް 92 ފަރާތަކުން ރަޖިސްޓަރ ކޮށްފައިވާ އިރު، 88 ސްޓޯލުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

"މިއީ މިހާތަނަށް ބޭއްވޭ އެންމެ ބޮޑު، އެންމެ ވަރުގަދަ ޔޫތު ޗެލެންޖް. ޒުވާނުން، ހަމަ އެކުވެރިންނާއެކު މަޖާކޮށްލައި، ސެލެބްރޭޓް ކޮށްލެވޭނެ ފަދަ މާހައުލެއްގައި ޒުވާން ޓީމުތަކާއެކު ހުނަރުތައް ދައްކާލަންވީ. މިއަހަރުގެ ޗެލެންޖުގައި ބައިވެރިކުރުމަށް 91 ފަރާތަކުން ރަޖިސްޓަރކޮށް 88 ސްޓޯލެއް މިހާރުވެސް ދަނީ ހަރަކާތްތެރިވަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

ޔޫތު ޗެލެންޖް 2018 ފެށުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތަކާއި ތައުލީމީ އަދި އެކިއެކި ރޮނގުރޮނގުން ހުރި ތަމްރީނުތަކުގެ އިތުރުން ޒުވާނުންގެ ހުނަރުތައް ދައްކާލުމާއި، ޒުވާން ވިޔަފާރިވެރިންގެެ ޕްރޮޑަކްޓްތައް މާކެޓް ކުރުމަކީ ޔޫތު ޗެލެންޖުގެ މަގުސަދެވެ. 2016 ވަނަ އަހަރު ބޭއްވި ޔޫތު ޗެލެންޖުގައި 8،000 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެފައިވާ އިރު، މިއަހަރުގެ އަދަދުތައް އިތުރުވާނެ ކަމަށް މިނިސްޓަރު އިރުތިޝާމް ވަނީ ވިދާޅުވެފައެވެ.

ޔޫތު ޗެލެންޖަކީ ހަމައެކަނި ވަޒީފާގެ ފުރުސަތެއް ނޫނެވެ. ތަމްރީނާ ވިޔަފާރިއެއްވެސް ނޫނެވެ. ޔޫތު ޗެލެންޖަކީ މިއުޒިކީ ފަންނާނުންނާއި އާޓިސްޓުންވެސް އޭގައި ޝާމިލްކޮށްދޭ އީދެކެވެ. މިނިސްޓަރު ވިދާޅުވީ ފަންނުވެރި ޒުވާނުންނަށްވެސް ޔޫތު ޗެލެންޖުގައި ކުރިމަގަށް ދޮރުތަކެއް ހުޅުވާލެވިފައިވާ ކަމަށާއި، މިއަހަރު ޓޫރިޒަމްގެ ދާއިރާއިން އެކަނިވެސް 32 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.

ޔޫތު ޗެލެންޖް 2018 ފެށުމުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިނިސްޓަރު އިރުތިޝާމް ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ދިވެހިރާއްޖޭގެ ޒުވާނުންނަކީ ޒިންމާދާރު، މުޖުތަމައުގައި ބައިވެރިވެވޭ، ހެޔޮގޮތުގައި ވަގުތައް ހޭދަކުރާ ޒުވާނުންތަކެއް ބިނާކުރުން ކަމަށެވެ. އަދި ހަމައެއާއެކު ކުށުގެ ވެށިން ދުރުވެ ޒުވާނުންގެ މުސްތަގުބަލު އުޖާލާ ކޮށްލުމަށް މިފަދަ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްވެސް މިނިސްޓަރު ވަނީ އިލްތިމާޒްކޮށްފައެވެ.

comment ކޮމެންޓް