ޕެޑްމޭން އަދި ބްލެކްޕެންތަރ ބަލާލުމަށް ހިލޭ ދެ ޓިކެޓް!

ޔޫތު ޗެލެންޖް 2018ގައި ހުރި ޝްވެކް ސިނަމާގެ ސްޓޯލަށް ޒިޔާރަތްކޮށް، ޕެޑްމޭން އަދި ބްލެކް ޕެންތަރގެ ދެ ޓިކެޓް ހިލޭ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ޓްވިންކަލް ކަންނާގެ ވާހަކަ، "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދް" އަސްލަކަށް ބަލައިގެން އަރޫނާޗަލަމް މުރުގަނަންތަމްގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމު "ޕެޑްމޭން" މިހާރު ވަނީ، ރާއްޖޭގެ ޝްވެކް ސިނަމާގައި ދައްކަން ފަށައިފައެވެ. މީގެ އިތުރުން، މަޝްހޫރު ހޮލީވުޑް ފިލްމު "ބްލެކް ޕެންތަރ" އަންނަ ހުކުރު ދުވަހު ޝްވެކްގައި އަޅުވާނެއެވެ.

މި ދެފިލްމުވެސް ހިލޭ ބަލައިލުމުގެ ފުރުސަތު ޝްވެކުން މިވަނީ ހުޅުވާލައިފައެވެ. "ޕެޑްމޭން ޗެލެންޖް" އަދި "ބްލެކް ޕެންތަރ ޗެލެންޖް"ގެ ނަމުގައި ޝްވެކުން ވަނީ ޚާއްސަ ހަރަކާތެއް ފަށައިފައެވެ. އެގޮތުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް މިއިން ކޮންމެ ފިލްމެއްގެ ވެސް ހިލޭ ދެ ޓިކެޓް ލިބޭނެއެވެ.

ހިލޭ ޓިކެޓް ހޯދަން ކުރަން ޖެހޭ ކަމަކީ، މިހާރު ދަރުބާރުގޭގައި ކުރިއަށްދާ "ޔޫތު ޗެލެންޖް 2018"ގައި ބެހެއްޓިފައިވާ ޝްވެކްގެ ސްޓޯލަށް ޒިޔާރަތްކޮށް، އެތަނުގައި ބަހައްޓާފައި ހުރި މި ދެ ފިލްމުގެ ޕޯސްޓަރާއެކު ފޮޓޯއެއް ނަގަން ޖެހެނީއެވެ.

ޝްވެކް ސިނަމާގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު ޙަސަން ފަރުހާން ވިދާޅުވީ، ޔޫތު ޗެލެންޖް ކުރިއަށް ދާ މުއްދަތުގެ ތެރޭގައި، ޝްވެކްގެ ސްޓޯލަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށްވެސް، މި ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނޭ ކަމަށެވެ.

"ޕެޑެއް ހިފައިގެން ހުރެ ޕެޑްމޭން ޕޯސްޓަރާއެކު ފޮޓޯއެއް ނަގަންވީ، އަދި ހަމަ މި ސްޓޯލަށް ޒިޔާރަތްކޮށްލުމަށް ފަހު ބްލެކް ޕެންތަރ ޕޯސްޓަރާއެކު ވެސް ފޮޓޯއެއް ނަގަން މިޖެހެނީ. އެއަށް ފަހު، padmanchallenge ،schwackcinema، youthchallenge2018 ހޭޝްޓެގް ކުރެއްވުމަށް ފަހު އިންސްޓަގްރާމް އަދި ފޭސްބުކަށް ޕޯސްޓްކުރަންވީ،" ފަރްހާން ވިދާޅުވިއެވެ.

ޔޫތު ޗެލެންޖްގައި ހުންނަ ޝްވެކްގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ޝްވެކްގެ ކެރަމަލް ޕޮޕްކޯންގެ ރަހަ ބަލައިލުމުގެ ފުރުސަތުވެސް އޮންނާނޭ ކަމަށް ފަރްހާން ވިދާޅުވިއެވެ.

އަކްޝޭ ކުމާރު ލީޑްރޯލުން ފެނިގެންދާ ބަޔޮގްރެފިކަލް ކޮމެޑީ ފިލްމް ޕެޑްމޭން އަކީ، މައްސަރު ދުވަސްވަރު އަންހެނުން އެމީހުންގެ ސާފުތާހިރުކަމަށް ސަމާލުކަންދޭން ޖެހޭ ކަން އަންގައިދޭ، ފިލްމެކެވެ. މި ފިލްމުގައި ދައްކައިދެނީ ހެޔޮއަގުގައި އެންމެންނަށްވެސް ގަނެވޭފަދަ ސެނިޓަރީ ނެޕްކިންސް ލިބެން ހުރުމުގެ މުހިއްމު ކަމެވެ.

ކަޅުނަސްލުގެ ކާސްޓުންތަކެއް ފެނިގެންދާ، ބްލެކް ޕެންތަރ އަކީ، ރަޔާން ކުގްލާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިއީ އެމެރިކާގެ ކަޅު ނަސްލުގެ މީހުން ހިމަނައިގެން މާވެލް ސްޓޫޑިއޯއިން އުފެއްދި ފުރަތަމަ ސުޕަރހީރޯ ފިލްމެވެ.

comment ކޮމެންޓް