ރައީސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި

ރައީސް މައުމޫން: އޭނާ ހައްޔަރުކުރުމަށް ފަހު އެންމެ ފުރަތަމަ ގެންގޮސްފައި ވަނީ ދޫނިދޫ އަށް އަދި މިހަރު ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސަ

ރިޝްވަތު ހުށަހަޅައި ގާނޫނީ ވަރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ، މ. އެންދެރިމާގޭގައި ހުންނަވަނިކޮށް އެ ގޭގެ ދޮރުވައްޓާލައިގެންނެވެ. މައުމޫން ހައްޔަރުކޮށް ހަމަ އެރޭ ވަނީ ދޫނިދުއަށް ގެންގޮސްފަ އެވެ.

ރައީސް މައުމޫންގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫން މާފުއްޓަށް ބަދަލުކޮށްފައި ވަނީ މިރޭ ކަމަށާއި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވާ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު ރައީސް މައުމޫން ހައްޔަރުކޮށްފައިވާ އިރު ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމުގެ ތުހުމަތެވެ.

comment ކޮމެންޓް