އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސަސްޕެންޑުކޮށްފިއެވެ.
ރާއްޖޭގައި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނު ކަމުގެ ސާބިތުގައި ހެކި ލިބިފައިވާ ކަމަށް ބުނެ ފުލުހުން ވަނީ މިމަހުގެ ފަސްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އަބްދުﷲ ސައީދު ހައްޔަރު ކޮށްފަ އެވެ.
ޖޭއެސްސީން މިއަދު ނިންމި ނިންމުުމުގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށް އެމަނިކުފާނު ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގަން ނިންމާފައިވާ ކަމަށެވެ.
ފުލުހުން ބަލަމުންދާ މައްސަލަ ނިންމައި ޖޭއެސްސީއަށް ވަކިގޮތެއް އަންގަންދެން ކަމަށް ނިންމުމުގައި ވަނީ ބުނެފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑީޔާރު އަލީ ހަމީދު މުހައްމަދު ވެސް މަގާމުގެ މަސްއޫލިއްޔަތު ތަކުން އެއްފަރާތްކޮށް ސަސްޕެންޑް ކޮށްފައިވާ ކަމަށް ޖޭއެސްސީން އިއްޔެ ވަނީ އަންގާފަ އެވެ.
އެ ދެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކީ ރާއްޖޭގައި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ބަޣާވާތަކުން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ.