އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު

އުއްތަމަ ފަނޑީޔާރު އަބްދުﷲ ސައީދު--

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމާއި އިތުރު ސީރިއަސް ތުހުމަތު ތަކެއް ކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައި ވަނީ ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކަމަށެވެ.

ނަވާޒް ވިދާޅުވީ އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކިގޮތަކަށް ކުރުމާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުން ކަމަށެވެ.

އެމަނިކުފާނުގެ މައްޗަށް ދައުލަތް ހިންގުމަށް ހުރަސްއަޅައި ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ހުރަސް އެޅުމުގެ ތުހުމަތު ވެސް ކުރެއެވެ.

"މި ތުހުމަތު ކުރެވުނު ކަންތައްތަކުގައި މި މައްސަލައާ ގުޅޭގޮތުން ހެކިބަސް ލިބި މި މައްސަލައާއި ގުޅުންހުރި އިތުރު ހެކިތައް މިވަނީ ލިބިފައި،" ނަވާޒް ވިދާޅުވިއެވެ.

އުއްތަމަ ފަނޑީޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވަނީ ސުޕްރީމް ކޯޓް ތެރޭގައި ހުންނަވަނިކޮށެވެ.

comment ކޮމެންޓް