ރޭ އޮލިމްޕަހުގައި ރިލީޒްކުރި ފިލްމު "ދެވަންސޫރަ" އަށް މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ތައުރީފު ކޮށްފިއެވެ.
ފިލްމީ ދާއިރާގެ ތަޖުރިބާކާރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓް ކުރި ފިލްމު "ދެވަންސޫރަ" ބަލައި ނިންމާލުމަށްފަހު ނަހުލާ ވަނީ އޭނާގެ ފޭސްބުކްގައި އެ ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ.
ނަހުލާ ބުނީ އެ ފިލްމަކީ "އެއްބޮޑިން އެކީ ބަލާލެވުނު" ރީތި ފިލްމެއް ކަމަށެވެ.
"ޔޫއްޕެއަށް ހަމަ ސެލިއުޓް ކުރަން. ފިލްމުގެ ސްކްރިޕްޓް ވެސް ޑައިރެކްޝަން ވެސް ވަރަށް ފުރިހަމަ. މަރުހަބާ ދެވަންސޫރަގެ ޓީމަށް. ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފައި ހުރި ފިލްމެއް މިއީ،" ނަހުލާ ބުންޏެވެ.
ސަސްޕެންސް ތްރިލާ ޖޯންރާއަށް ގެނެސްދިން "ދެވަންސޫރަ"އާ މެދު ބެލުންތެރިން ވެސް ތިބީ ވަރަށް ހިތްހަމަ ޖެހިފައެވެ. ފިލްމުގައި ހަރަކާތްތެރިވި ތަރިންނަށް ފިލްމު ބެލި ކޮންމެ މީހަކުވެސް ތައުރީފު ކުރާކަށް ފިލްމާ ދޭތެރޭ ސުވާލުކޮށްލުމުން ބެލުންތެރިން ބުންޏެވެ.
"ދެވަންސޫރަ"ގެ ލީޑް ފިރިހެން ތަރިންގެ ގޮތުގައި އިބްރާހިމް ޖިހާދު (ޖިމީ) އަދި މުހައްމަދު ފައިސަލް ފެނިގެންދިޔަ އިރު ސަޕޯޓިން ތަރިންގެ ގޮތުގައި އަލީ އާޒިމް (ދޮން އައްޔަ)، އަހުމަދު އީސަ (އާނަންދު) އަދި ޖާދުﷲ ފަދަ ތަރިން ފެނިގެން ދިޔައެވެ. އަންހެން ކާސްޓުންގެ ތެރޭ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ކާމިޔާބު އެއް ތަރި ފާތިމަތު އާޒިފާ (އަޒޫ)އާއި ޝަކީލާ ފެނިގެން ދިޔައެވެ.
ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވި މަރިޔަމް ޝިފާ ފިލްމުން ފެނިގެންދާއިރު ފިލްމަކީ މިހާރުގެ މުޖްތަމައުގައި ހިނގާ ކަންތައްތައް ދައްކައިދޭނެ ފިލްމެކެވެ. މަރެއްގެ ހަގީގަތް ހޯދުމަށް ކުރާ މަސައްކަތް ފިލްމުން ދައްކުވައިދެއެވެ.