ސުޕްރީމް ކޯޓުގެ އަމުރުގައި ކުށްވެރިން ދޫކޮށްލަން ހިމެނި ބައި ބާތިލުކޮށްފި

ސުޕްރީމް ކޯޓުން ދޫކޮށްލަން އަމުރު ކުރި ކުއްވެރިން ---

ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ސިޔާސީ ކުށްވެރިން ކަމަށް ބުނެ ނުވަ މީހަކު ދޫކޮށްލަން އަމުރުގައި ހިމެނި ބައި ބާތިލުކޮށްފިއެވެ.

އެބައި ބާތިލުކޮށްފައިވަނީ މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަކުންނެވެ. ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު އަމުރު ނެރުނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ރޭގެ ވަގުތެއްގައި އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދު ފުލުހުން ބަލަމުންދާ މައްސަލައައެއްގައި ވަނީ ހައްޔަރު ކޮށްފައެވެ.

މިރޭ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސޮއިކޮށް ނެރުނު އަމުރުގައި ބުނެފައިވަނީ މިމަހުގެ އެއްވަަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނެރުނު އަމުރުގައި ހިމެނޭ ސިޔާސީ ކުށްވެރިން ދޫކޮށްލުމާ ބެހޭ ބައި ބާލިތު ކަމަށެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބެހޭ އެއްވެސް މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަނަލަށް ނުބެލޭނެ ކަމަށް އަމުރުގައި ބުނެފައިވާ ބައިވެސް ވަނީ މިރޭ ބާތިލުކޮށްފައެވެ.

ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ "ޖިނާއީ ތަހުގީގުގެ މައްޗަށް ބިނާކޮށް ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއަތުތަކާ ހިލާފަށް ކޮށްފައިވާ ހުކުމްތަކުގެ މައްޗަށް ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިއާޔަތްކޮށް ބެލި އިރު، އެ މައްސަލަތަކަކީ ގާނޫނީ ހަމަތަކުގެ މަތީން އަލުން ބަލައި ޝަރީއަތުގެ ފަރާތުން ގޮތް ކަނޑައަޅަން ޖެހޭ މައްސަލައަކަށް ވާތީ، އެ މައްސަލަތަކާ މެދު އަލުން ގޮތެއް ކަނޑައެޅެންދެން، ގ. ކެނެރީގޭ މުހައްމަދު ނަޝީދު، މ. ސީނުކަރަންކާގޭ މުހައްމަދު ނާޒިމު، މ. ކޮޅުފުށީ، މަލްހާރު، އިމްރާން އަބްދުﷲ، ހ. ސާމަރާ، އަހުމަދު އަދީބު އަބްދުލްޣަފޫރު، ގއ. މާމެންދޫ، ރަތްމަސްގޭ މުހުތާޒު މުހުސިން، މ. މާފަންނުވިލާ ގާސިމް އިބްރާހިމް، މއ. ކިނބިގަސްދޮށުގޭ ފާރިސް މައުމޫން، ގއ. މާމެންދޫ ވީނަސް، އަހުމަދު ނިހާން، މ. ޝޫރާމަންޒިލް ހާމިދު އިސްމާއިލް، އާއި މިފަރާތްތަކާ ބެހޭ މައްސަލަތައް ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބެލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ވަގުތުން ދޫކޮށް މިނިވަން ކުރުމަށް އަމުރުކުރާ" ކަމަށެވެ.

comment ކޮމެންޓް