ބޫޓާންގެ ރޮނާލްޑޯ، އައި ލީގުގައި ވިދާލަނީ!

ޗެންޗޯ ޔެލްޓްޝެން ޕަންޖާބު އެފްސީ ޖާޒީގައި --- ފޮޓޯ/ އައިލީގު

ބޫޓާންގެ ރޮނާލްޑޯގެ ގޮތުގައި މަޝްހޫރު ވެފައިވާ ޗެންޗޯ ޔެލްޓްޝެން އިންޑިއާ ލީގުގައި ދައްކަމުން އަންނަ މޮޅު ކުޅުމާއެކު ގިނަ ބައެއްގެ ލޯތައް އަމާޒުވެއްޖެއެވެ.

ރާއްޖެއާއި ބޫޓާން ވާދަކުރި އެކުވެރިކަމުގެ މެޗެއްގައިވެސް ވަރަށް ބޮޑަށް ފާހަގަކުރެވުނެ އުމުރުން 21 އަހަރުގެ ޗެންޗޯއަކީ ޒުވާން ކުޅުންތެރިއެއް ނަމަވެސް އޭނާ ވެފައިވަނީ ބޫޓާން ފުޓުބޯޅައިގެ ކުރިއެރުމަށް މުހިންމު ކުޅުންތެރިއަކަށެވެ.

މި ސީޒަންގައި އިންޑިއާ އައި ލީގުގެ މިނެރާވް ޕަންޖާބު އެފްސީއަށް ބަދަލުވި ޗެންޗޯ ވެފައިވަނީ އިންޑިއާގެ ލީގެއްގައި ކުޅުނު ބޫޓާންގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެކްލަބާއެކު ކުޅުނު 12 މެޗުން ހަ ގޯލް ޖަހައި ހަތަރުު އެސިސްޓް ހަދައިފައިވާ ޗެންޗޯ ވެފައިވަނީ މި ސީޒަންގެ އައި ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކާ ކުޅުންތެރިޔާއަށެވެ.

ޕަންޖާބު އެފްސީގެ ކޯޗު ކޯގެން ސިންހް ބުނެފައިވަނީ އެޓީމުގެ އެޓޭކުގައި އެންމެ މުހިއްމު ކުޅުންތެރިޔަކީ ޗެންޗޯ ކަމަށެވެ. ޗެންޗޯގެ ހުނަރަކީ މަދުންނޫނީ ނުފެންނަ ފަދަ ގުދުރަތީ ހުނަރެއް ކަމަށާއި، އޭނާއަކީ ބޯޅަ ހިފެއްޓުމަށް މޮޅު ހަލުވި ކުޅުންތެރިއެއް ކަމަށްވެސް ކޯގެން ސިންހް ބުންޏެވެ.

އިންޑިއާގެ ބޮޑެތި މީޑިއާތައް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އަދި ގޯލް އިންޑިއާ ފަދަ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުހީތަކަށްވެސް އަރަމުންދާ ޗެންޗޯ ބުނެފައިވަނީ އޭނާގެ އަމާޒަކީ އަމިއްލަ ޓްރޮފީތަކެއް ހޯދުން ނޫން ކަމަށެވެ. ޗެންޗޯ ބުނީ އެންމެ އިސްކަމެއް ދޭނީ ކްލަބަށް ކާމިޔާބީ ހޯދައިދިނުމުގެ އިތުރުން ބޫޓާންގެ ފުޓުބޯޅައަށް އޭނާގެ ސަބަބުން ކުރިއެރުންތަކެއް ހޯދޭތޯ ކަމަށެވެ.

އުމުރުން ހަގު ނަމަވެސް ބޫޓާން ގައުމީ ޓީމާއެކު ކުޅުނު 28 މެޗުން 10 ގޯލް ޖަހައި ޗެންޗޯ އަކީ ބޫޓާންގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިފައިވާ ކުޅުންތެރިޔާއެވެ. މިދިޔަ ސީޒަންގައި ބޫޓާން ލީގުގެ ތިންޕޫ އެފްސީއަށް ކުޅުނު ޗެންޗޯވަނީ ބޫޓާންގެ ސަރުކާރުން ފުޓުބޯޅައަށް ދޭ އަހަންމިއްޔަތުކަން ކުޑަކަންވެސް ފާހަގަކޮށްފައެވެ. އޭނާާ ބުނީ ބޫޓާންގައި ވަސީލަތްތައް މަދު ކަމަށާއި ފުޓުބޯޅައިގައި ކުރިއެރުމަށް އައިލީގު ފަދަ ލީގުތަކަށް އެގައުމުގެ ކުޅުންތެރިން ދިޔުން މުހިއްމު ކަމަށެވެ.

ޗެންޗޯގެ އެހީތެރިކަމާއެކު ބޫޓާންގެ ޒުވާން ދެ ކުޅުންތެރިޔަކު މިހާރުވެސްދަނީ ޕަންޖާބް އެފްސީގެ ޓްރަޔަލް ފަރިތަކުރުންތަކެއްގައި ބައިވެރިވަމުންނެވެ.

އިންޑިއާގައި ކުރިއަށްދާ ސުޕަލީގުގެ ސަބަބުން އައި ލީގުގެ މަގުބޫލުކަން ފަނޑުވި ނަމަވެސް އައި ލީގުގައި ކުޅޭ ބިދޭސީ ކުޅުންތެރިންގެ ފެންވަރު ރަނގަޅެވެ. ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މިދިޔަ ސީޒަންގައި ކުޅުނު ހުސެއިން އެލްޑޯއާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ނޭޕާލްގެ ގޯލް ކީޕަރު ކިރަން ކުމާރުވެސް މިހާރު ކުޅެމުންދަނީ އައިލީގުގެ ޓީމުތަކަށެވެ.

comment ކޮމެންޓް