ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް އިނގިރޭސިވިލާތުން ގޮވާލައިފި

އިނގިރޭސި ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަން -- ފޮޓޯ: އޭއެފްޕީ

ދިވެހިރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިކަމާއެކު ނިމުމަކަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިނގިރޭސިވިލާތުން ގޮވާލައިފިއެވެ.

ރާއްޖޭގައި 15 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާ ގުޅިގެން އެކަމާ ހިތާމަފާޅުކުރައްވާކަން ހާމަކުރައްވައި، އިނގިރޭސި ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަން ވަނީ ހުރިހާ މައްސަލަތަކެއް ސުލްހަވެރިކަމާއެކު ނިންމުމަށް ގޮވާލައްވައިފައެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިކަމާއެކު ނިމުމަކަށް ގެނެސް، ގާނޫނުއަސާސީގެ ހުރިހާ މާއްދާއަކަށް ފުރިހަމައަށް އަމަލުކޮށް، ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވުމަށް ގޮވާލަން. އަދި ރައްޔިތުންގެ މަޖިލީހުގައި މިނިވަންކަމާއެކު މަސައްކަތްކުރެވޭނޭ މަގު ފަހިކޮށްދޭންޖެހޭ،" ޖޯންސަން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީގެ ބަޔާނުގައި އޭނާ ވަނީ ބައެއް މުހިންމު ހައްގުތައް ނިމުމަކަށް އައިސްފައިވާ ކަމާއި ރާއްޖޭގެ ގާނޫނު ހަދާ މަޖިލިސް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަން ވެސް ފާހަގަކުރައްވައިފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު، ފުލުހުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް