ގައުމާއި ރައްޔިތުންގެ ހައްގުގައި ތެދުވުމަށް ތައްޔާރު: ދުންޔާ

ސްޓޭޓް މިނިސްޓަރ އޮފް ހެލްތު ދުންޔާ މައުމޫން ---- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިހާރު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމަށް ހައްލެއް ހޯދުމަށް މަޝްވަރާކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި، ނަމަވެސް އެ ގޮންޖެހުމާ ކުރިމައިލައި، ގައުމުގެ ހައްގުގައި ތެދުވުމަށް ތައްޔާރަށް ހުންނެވި ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ހަމަނުޖެހުން ހިންގުމަކީ ފަސޭހަކަމަކަށް ވެދާނެ. ނަމަވެސް އެއަށްފަހު ސުލްހަވެރިކަން އުފެއްދުމަކީ އުނދަގޫ ކަމެއް، ދުންޔާ މައުމޫން

ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، ދުންޔާ މިއަދު ފޭސްބުކްގައި ލިޔުއްވި ބަޔާނެއްގައި ވިދާޅުވީ ހިނގަމުންދާ ހަމަނުޖެހުންތައް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށާއި، ސުލްހަ މަސަލަސްކަން ހޯދުމަށް ވަގުތުން މަސައްކަތް ކުރަން ވެއްޖެ ކަމަށެވެ.

"ހަމަނުޖެހުން ހިންގުމަކީ ފަސޭހަކަމަކަށް ވެދާނެ. ނަމަވެސް އެއަށްފަހު ސުލްހަވެރިކަން އުފެއްދުމަކީ އުނދަގޫ ކަމެއް،"

ދުންޔާ ވިދާޅުވީ ރުޅިވެރިކަމާއި، ފައިސާއާއި އަމިއްލަ އެދުން އެއްފަރާތް ކުރުމަށް ސިޔާސީ ފަރާތްތަކާއި ދައުލަތުގެ މުއައްސަސާތަކަށް ގޮވަލާ ކަމަށެވެ.

އަދި އެކަމަނާ ހުންނެވީ ރައްޔިތުން އެއްބައިވަންތަކުރުމަށް މަޝްވަރާ ކުރަން ޖެހިއްޖެ ނަމަ، އެކަން ކުރުމަށް ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.

"މިއީ ފަސޭހަކަމެއް ނޫން. އެކަމަކުވެސް މިހުރީ ގައުމާއި ރައްޔިތުންނަށްޓަކައި ތެދުވެ، އެ ގޮންޖެހުމާ ވެސް ކުރިމަތިލުމަށް ތައްޔާރަށް،"

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ އެކު ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ އިރު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލައި ކޮންމެ ދުވަހަކުވެސް މުޒާހަރާ ކުރަމުންނެވެ.

comment ކޮމެންޓް