ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕިޕީއެމް) ގުޅޭ އެއްވެސް މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށާއި މިވަގުތު ބޭނުންވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ސަރުކާރުން ތަންފީޒު ކުރުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިސް ބޭފުޅެއް ކަމަށްވާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ނާދިރާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އެމަނިކުފާނާ ޕީޕީއެމް ހަވާލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްރަހީމް އަބްދުﷲ ވިދާޅުވެފައިވީ ނަމަވެސް އެއީ ދޮގު ވާހަކައެއް ކަމަށެވެ.
" އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް. އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް،" ނާދިރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިވަގުތު އިދިކޮޅު ހުރިހާ ލީޑަރުންނާއި އިދިކޮޅު އިއްތިހާދުގެވެސް ވިސްނުން ހުރީ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށް ބާރު އެޅުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.
އިޚްލާސްތެރިކަމާ އެކު އެ އަމުރު ވަގުތުން ތަންފީޒުކުރުމަށް ނާދިރާ ވަނީ ގޮވާލާފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދުރޭ ވިދާޅުވީ މިއަދު ހަވީރު ރައީސް މައުމޫނާއި ޕާޓީ ހަވާލުކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރަނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.