މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)ގެ ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް" ޖުމްލަ ހަ ސަރަހައްދެއްގައި އެއްކޮށް ރިލީޒްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.
މަރީ ބުނީ ފިލްމު މާލެ، އަދި އަވަށްޓެރި ލަންކާގައި އަންނަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރާނެ ކަމަށާއި އެ ދުވަހު ރާއްޖޭގެ އިތުރު ހަތަރު ސަރަހައްދެއްގައި ފިލްމު ރިލީޒްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ސަރަހައްދުތަކަކީ އައްޑޫ، ފުވައްމުލައް، ލ. ގަން އަދި ކުޅުދުއްފުށި އެވެ. މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެ ހިސާބުތަކުން އެޖެންޓުން ހޯދުމުގެ މަސައްކަތް ކަމަށް މަރީ ސަން އަށް ބުންޏެވެ.
މަރީ އިތުރަށް ބުނީ ފިލްމުގެ ދެވަނަ ޓީޒާ އަށް ބެލުންތެރިންގެ ބޮޑު މަގްބޫލު ކަމެއް ލިބެމުން އަންނަ ކަމަށެވެ.
"ދެވަނަ ޓީޒާ އަށް ލިބެމުދާ ތަރުހީބު ވަރަށް ވެސް ބޮޑު. ދުވާލަކަށް 5000 ވިއު އެބް ޖެހޭ އެ ޓީޒާ އަށް. ވަރަށް ކާމިޔާބު،" މަރީ ބުންޏެވެ.
އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަަލިހާ ވަހީދު (މަލް) އެވެ. މީގެ އިތުރުން 2000 ގެ އަހަރުތަކުގެ ތެރޭގައި ވީޑިއޯ ލަވަތަކުން ވިދާލި މަރިޔަމް ޝަހުޒާ (ޝަހޫ)ގެ އިތުރުން ޝަހޫގެ ފިރިމީހާ އަހުމަދު އަމަން (ޓޮމް) އާއި ސްރީލަންކާގެ ތަރިއެއް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.
ފިލްމު "ތިޔަ ލޯތްބާ ދުރަށް"ގެ ހުރިހާ މަންޒަރެއް ނަގާފައި ވަނީ އަވައްޓެރި ސްރީލަންކާގަ އެވެ. ފިލްމުގެ ކެމަރާމަންއަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.
ފިލްމުގެ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ފިލްމު އެންމެ ހާއްސަވެގެންދާ އެއް ކަމަކީ ގާތްގަނޑަކަށް މީގެ 16 ވަރަކަށް އަހަރު ކުރިން އެސްފިޔަ އަލްބަމް އަށް އަލީ ރަމީޒު ކިޔާފައިވާ "ދީވާނާ" އަދި ފަޒީލާ އާމިރާ އެކު ކިޔާފައިވާ "އާވާ ހަނދާނޭ" މި ދެލަވަ ފިލްމުގައި ހިމަނާފައިވުމުންނެވެ.
ފިލްމުގައި ހަރަކާތްތެރިވި ހުރިހާ ތަރިން ވެސް މަރީ އަށް ތައުރީފު ކުރަމުން އަންނަ އިރު ތަރިން ބުނަނީ މަރީގެ ފުރަތަމަ ޑައިރެކްޓް ކުރާ ފީޗާ ފިލްމާ ބަލާއިރު ވަރަށް ފުރިހަމަ ކަމަށެވެ.
މިއީ ލޯތްބާ ހިތާމަ އެކުލެވިގެންވާ، ދިވެހި ސިނަމާއަށް ވަންނަ މީހުން ބަލާހިތްވާނެ ވަރުގެ ފިލްމަކަށްވާނެ ކަމުގެ އުއްމީދު ފިލްމުގެ ޑައިރެކްޓަރު މަރީ ދެ އެވެ.