ހުކުމް ވަރަށް ސާފު، 12 މެމްބަރުންނަށް ޖަލްސާގައި ބައިވެރިވެވޭނެ: އަމީން އާންމު

ރައްޔިތުންގެ މަޖިލިސް--

ޕާޓީ ބަދަލު ކުރުމުން ގޮނޑިގެއްލޭ އުސޫލާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމް ވަރަށް ސާފު ކަމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ކުރިން ކަނޑައަޅާފައިވާ މެމްބަރުންނަށް ޖަލްސާތަކުގައި ބައިވެރިވުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށް މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

"ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން އާންމު ވިދާޅުވީ މީގެ ކުރިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މެމްބަރުންނަށް ސުޕްރީމް ކޯޓުގެ ހުކުމާ އެކު ކުރިއަށް އޮތް ޖަލްސާތަކުގައި ބައިވެރިވެވޭނެ ކަމަށެވެ.

"ކުރިއަށް ހުރި ޖަލްސާތަކުގައި އެ 12 މެމްބަރުން ވެސް ބައިވެރިވުމަށް އެއްވެސް ހުރަހެއް ނެތް. ހުކުމުގައި އޮތް ގޮތަށް މަޖިލީހުން އަމަލު ކުރާނެ." އަހްމަދު ވިދާޅުވި އެވެ. "ސަލާމަތީ ސަބަބުތަކަކަށް ޓަކައި ޖަލްސާ ކެންސަލް ކުރީ. މިހާރު މިދަނީ ހުރިހާ މެމްބަރުންނަށް މެސެޖު ކުރަމުން."

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ހޯމަ ދުވަހު ބޭއްވުމަށް ތާވަލު ކުރި އެވެ. ނަމަވެސް އެ ޖަލްސާ ކެންސަލް ކުރީ ސަލާމަތީ ސަބަބުތަކަށް ޓަކަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ ބުރާސްފަތި ދުވަހުގެ ރެ އެވެ.

އޭނާ ވިދާޅުވީ ދެން ޖަލްސާ އޮންނާނެ ދުވަހެއް ފަހުން އަންގާނެ ކަމަށެވެ.

ހޯމަ ދުވަހު ބާއްވަން ތާވަލު ކުރި ޖަލްސާއަކީ ރިޔާސީ ބަޔާން އިއްވުމަށް ތާވަލު ކުރި ޖަލްސާއެކެވެ. އެ ޖަލްސާ ދަރުބާރުގޭގައި ބާއްވަން މީގެ ކުރިން ނިންމާފައިވާ އިރު އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮތީ ކަނޑައަޅައިފަ އެވެ.

comment ކޮމެންޓް