މިރޭ މާލޭގައި ކުރިއަށްދިޔަ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ސަންގެ ނޫސް ވެރިއަކަށް ފުލުހުން މުގުރުބުރިން ހަމަލާދީފި އެވެ.
ފުލުހުން ހަމަލާދީފައި ވަނީ ސަން ގެ ނޫސްވެރިޔާ މުއާވިޔަތު އަންވަރަށެވެ.
މުއާވިޔަތަށް ހަމަލާދީފައި ވަނީ މިރޭ ސޯސަންމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ބަޔަކު އެއްވެފައި ތިއްބައި އެއްވުން ރޫޅާލުމަށް ފަހު ގެއެއްގެ ތެރެއިން މީހަކު ހައްޔަރު ކުރި މަންޒަރު ފޮޓޯ ނަގަން އުޅެނިކޮށް މިރޭ 4:25 އެހާކަންހާއިރު އެވެ.
މުއާވިޔަތަށް ހަމަލާދީފައި ވަނީ އޭނާއަކީ ނޫސްވެރިއެއް ކަމަށް ތަކުރާރުކޮށް ބުނަމުންދަނިކޮށެވެ. އަދި އެވަގުތު އޭނާ ހުރީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިންގް ކޮމިޝަނުން އޭނާއަށް ދޫކޮށްފައިވާ މީޑިއާ ފާސް ވެސް އަޅައިގެންނެވެ. އަދި އޭނާ ވަނީ ހަމަލާދިން ފުލުސް މީހާއަށް އެ ފާސް ވެސް ދައްކައިފަ އެވެ.
މުއާވިޔަތަށް ހަމަލާދިން މަންޒަރު އެ ސަރަހައްދުގައި ތިބި "ސަން"ގެ އިތުރު ނޫސްވެރިއަކަށާއި ރާއްޖެ ޓީވީގެ ބައެއް ނޫސްވެރިންނަަށް ވެސް ވަނީ ފެނިފަ އެވެ.
"ސޯސަންމަގުގައި މިސްކިތް ކުރިމަތީގައި ހުރި ގެއެއްގެ ގަރާޖެއްގެ ތެރެއަށް ވަން މީހާކު ހައްޔަރު ކުރާތީ އެ މަންޒަރު ފޮޓޯ ނަގަން ދިޔައީ. ދެން އެ މީހާ ގެންދަން ހެދީމަ ފުލުހުންނަށް ޖާގަ ދިނުމަށް އަޅުގަނޑު ޖެހުނީ ފަހަތަށް. ދެން އެ ތަނުން ފުލުހަކު އައިސް މިބުނީ އެ ސަރަހައްދު ދޫކޮށްދާން. މީޑިއާ ފާސް ދައްކަމުން ފަހަތަށް ޖެހެނިކޮށް އިތުރު އިންޒާރެއް ނެތި މުގުރުން ވަރަށް ބާރަށް ފައިގެ ފަލަމަސްގަނޑުގައި ޖެހީ" މުއާވިޔަތު ބުންޏެވެ.
މުގުރުން ޖެހުމުން އިރުކޮޅެއް ވަންދެން ހިނގައި ނުގަނެވިފައި ހުރި ކަމަށް މުއާވިޔަތު ބުންޏެވެ. އޭނާ ބުނީ އެ ސަރަހައްދަކީ ބެރިކޭޑެއް ޖަހާފައި ނޫނީ ޓޭޕް ދަމައިގެން ބަންދުކޮށްފައި އޮތް ސަރަހައްދެއް ނޫން ކަމަށެވެ.
ފުލުހުން މިރޭ ވަނީ ޕީޖީ އޮފީސް ކައިރީ މުޒާހަރާގެ މަންޒަރުތައް ވީޑިއޯކުރަން ހުރި ސަން ޓީވީގެ ކެމެރާމަން އިސްމާއިލް އާދަމްގެ ލޮލަށް ޕެޕަސްޕްރޭ ވެސް ޖަހައިފަ އެވެ.
އިސްމާއިލް އާދަމް ބުނީ ޕެޕަސްޕްރޭ ޖަހާފައި ވަނީ އޭނާގެ ކަނާތު ލޮލު ކައިރިއަށް ޕެޕަސްޕްރޭ ފުޅި ކައިރި ކުރުމަށް ފަހު ކަމަށެވެ.
ކެމެރާމަން އިސްމާއިލް އާދަމްގެ ލޮލަށް ޕެޕަސްޕްރޭ ޖެހިނަމަވެސް ގާނޫނާ ޚިލާފު އެއްވެސް ކަމެއް އޭނާ ކޮށްފައެއް ނުވެ އެވެ.