މިސީޒަންގެ ލީގު ޓްރޮފީގައި ދެން އަތް ނުލެވޭނޭ ކަމަށް މޮރީނިއޯ ނިންމައިފި

މޮރީނިއޯ ގަބޫލުކުރާ ގޮތުގައި މިސީޒަންގެ ޕްރިމިއަރ ލީގު ރޭސް މިހާރު މިވަނީ ނިމިފައި -- ފޮޓޯ: ގެޓީ

މިސީޒަންގެ އިނގިރޭސި ޕްރިމިއަރ ލީގު ޓްރޮފީގައި އަތްލުމުގެ ފުރުސަތު މިހާރު ދެން ގެއްލިއްޖެ ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ނިންމައިފިއެވެ.

ޕްރިމިއަރ ލީގު ތާވަލަށް ބަލާއިރު، 25 މެޗުން 53 ޕޮއިންޓާއެކު މޮރީނިއޯގެ ޔުނައިޓެޑް އޮތީ ތާވަލުގެ ދެވަނައިގައެވެ. އެހެން ނަމަވެސް އެއްވަނައިގައި އޮތް ވާދަވެރި މެންޗެސްޓަރ ސިޓީއާއި ޔުނައިޓެޑާ ދެމެދު 15 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

މާދަމާރޭ އަމިއްލަ ދަނޑުގައި ހަޑަރސްފީލްޑް ޓައުންއާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގެ ކުރީން ނޫސްވެރީންނާ ވާހަކަދައްކަމުން މޮރީނިއޯ ބުނީ، މިހާރު ދެން އަމާޒަކީ ސިޓީގެ ފަހަތުން ދެވަނައިގައި އޮތުން ކަމަށެވެ.

"މި މެޗު ވަރަށް މުހިއްމު. ސަބަބަކީ އަހަރެމެން އެބަ ޖެހޭ ދެވަނައިގައި އޮންނަން،" ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.

މޮރީނިއޯ ބުނީ، މިސީޒަންގައި އަބަދުވެސް ޔުނައިޓެޑް ފެނިގެން ދަނީ ދެވަނައިގައި ކަމަށާއި، ލީގު ފެށުނުތާ ކައިރީ އެއްވަނައިގައިވެސް އޮތް ކަމަށެވެ.

"އަހަރެން ހަނދާނެއް ނުވޭ، ހަތަރުވަނަ، ފަސްވަނަ ނުވަތަ ހަވަނައިގައި މިޓީމު އޮތް އިރެއް. ސީޒަން ފެށުނީއްސުރެންވެސް މިހާ ހިސާބެއްގައި."

ޔުނައިޓެޑްގެ ކޯޗު ބުނީ، ވޭތުވެދިޔަ ސީޒަނާ އަޅައިބަލާއިރު، މިހާރު ހުރިހާ ގޮތަކުންވެސް ޔުނައިޓެޑް ވަރުގަދަ ކަމަށެވެ. އެގޮތުން އެޓީމުން ޖެހި ލަނޑުގެ އަދަދު އިތުރުވެ، ޓީމު ކޮޅަށް ވަން ގޯލް މަދުވެ، ތާވަލަށް ބެލިނަމަވެސް ހުރިހާ ގޮތަކުންވެސް ރަނގަޅު ކަމަށެވެ.

"އަހަރެމެން އެބަޖެހޭ މިހިސާބުގައި ތިބެން ވަރަށް ބުރަކޮށް މަސައްކަތް ކުރަން. އަހަރެމެންގެ ވަށައިގެން ދެން ތިބީވެސް ވަރަށް ވަރުގަދަ ޓީމުތަކެއް. ޗެލްސީއަކީ ހަމަ ޗެމްޕިއަންކަން ހޯދޭވަރުގެ ޓީމެއް. ޓްރާންސްފަރ މާކެޓްގައި ވަރުގަދަކޮށްފި. ލިވަޕޫލަކީ ވަރުގަދަ ޓީމެއް. އާސެނަލްވެސް މިވަނީ މާކެޓްގައި ވަރަށް ކުރިއަށް ޖެހިލާފައި،" ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.

ތާވަލްގެ ތިންވަނަ އަދި ހަތަރުވަނައިގައި 50 ޕޮއިންޓާއެކު ލިވަޕޫލް އަދި ޗެލްސީ އޮތް އިރު، ޔުނައިޓެޑަށްވުރެ ފަސް ޕޮއިންޓް މަދުން ލިބި ފަސްވަނައިގައި އޮތް ޓޮޓެންހަމްއަކީވެސް ވަރުގަދަ ޓީމެއްކަން މޮރީނިއޯ ފާހަގަކުރިއެވެ.

ޕްރިމިއަރ ލީގުގައި އެންމެ ފަހުން ޔުނައިޓެޑް ކުޅުނު މެޗުގައި ޓޮޓެންހަމް އަތުން 2-0 ލަނޑުން ބަލިވެފައިވާ އިރު، މޮރީނިއޯ ބުނީ ކުރިއަށް އޮތް މެޗުން މޮޅުވުން ވަރަށް މުހިއްމު ކަމަށެވެ.

comment ކޮމެންޓް