މެސެންޖާ ކިޑްސް ހުއްޓާލަން ގޮވާލައިފި

މެސެންޖާ ކިޑްސް ---

އުމުރުން ތޭރަ އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން، ބެލެނިވެރިންނަށް ކޮންޓްރޯލު ކުރެވޭނެ ގޮތަށް ތައްޔާރު ކުރި "މެސެންޖާ ކިޑްސް" އެޕްލިކޭޝަން ހުއްޓާލަން ގޮވާލައިފިއެވެ.

ކުޑަކުދިންގެ ހައްގުތަކާއި އެކުދިންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން، ފޭސްބުކްގެ ސީއީއޯ މާކް ޒުކަބާގަށް ފޮނުވި އޯޕަން ލެޓާއެއްގައި ބުނީ ކުދިންގެ ރައްކާތެރިކަމަށްޓަކައި އެ އެޕްލިކޭޝަން ހުއްޓާލަން ގޮވާލާ ކަމަށެވެ.

ކުދިންގެ ޅަ އުމުރު އެކުދިން އިންޓަނެޓަށް އަހުލުވެރި ކުުރުމާއި ސޯޝަލް މީޑިއާ ބޭނުން ކުރުމަށް ތަރުހީބު ދިނުމަކީ ކުދިންގެ އުޅުމަށާއި ވިސްނުމަށް އަދި ހެދިބޮޑުވުމަށްވެސް އަސަރު ކުރާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

މެސެންޖާ ކިޑްސް ބޭނުންކުރެވެނީ ހަ އަހަރާ 13 އަހަރާ ދެމެދުގެ ކުދިންނަށެވެ. އެކުދިންގެ އެޕްލިކޭޝަން އިންނާނީ ބެލެނިވެރިއެއްގެ އެކައުންޓާ ގުޅިފައެވެ. ބެލެނިވެރިޔާއަށް ކުދިން ކުރާ ނުކުރާ ކަންކަން ބަލާ މޮނީޓާ ކުރެވޭނެއެވެ. ބެލެނިވެރިޔާގެ "ތަމްބްސް އަޕް" އަކާއެކު ފިލްޓާ ލައިގެން ފޮޓޯ ނަގާ ސްނެޕްޗެޓް ބޭނުން ކުރުމުގެ ފުރުސަތުވެސް ކުދިންނަށް ލިބެއެވެ.

ފޭސްބުކް މެސެންޖާގެ އޮޕިޝަލަކާ ހަވާލާދީ މެޝެބްލްގައި ބުނީ ކިޑްސް އެޕްލިކޭޝަން ތައްޔާރުކުރީ ގިނަ ބަޔަކާ މަޝްވަރާކޮށް އެ ފަރާތްތަކުގެ ހިޔާލުވެސް ހޯދައިގެން ކަމަށެވެ.

comment ކޮމެންޓް