އާސެނަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް ތައްޔާރުވެފައިވާ ކަމަށާއި، އެކަން ވަރަށް އަވަހަށް ނިމިގެންދާނެ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.
ޖަރުމަން ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުންދާ އޮޒިލްގެ ކޮންޓްރެކްޓް އަންނަ ޖޫން މަހުގެ ތެރޭގައި ހަމަވާގޮތަށް އޮތް ނަމަވެސް، ދިގު މުއްދަތަކަށް އާސެނަލްގައި މަޑުކުރާގޮތަށް އޮޒިލް ނިންމާނެ ކަމަށް ހަބަރުތައް ބުނެއެވެ.
އާސެނަލްގައި އިތުރަށް މަޑުކުރާގޮތަށް ކޮންޓްރެކްޓުގައި އޮޒިލް ސޮއިކުރާނެ ކަމުގެ އިޝާރާތެއް ދާދިފަހުން އެކްލަބުގެ ކޯޗު އާސެން ވެންގާ ވެސް ވަނީ ދީފައެވެ.
"އަހަރެމެން ބޭނުންވަނީ ކްލަބުގައި އޮޒިލް ބަހައްޓަން. އެކަން ވަރަށް އަވަހަށް އަހަރެމެންނަށް ނިންމާލެވޭނެ ކަމަށް އުންމީދުކުރަން. އަހަރެންނަށް އޮޒިލްގެ ފަރާތުން ފެންނަ ކަންތައްތަކަކީ އޭނާ ދޭ އެއްބާރުލުމާއި ޝައުގު އަދި ކަމެއް ހާސިލްކުރަން ބޭނުންވާވަރު. އޭނާ އުޅެނީ އެއްބާރުލުން ދޭން ބޭނުންވާ މީހެއްގެ ގޮތުގައި،" މިދިޔަ ހުކުރު ދުވަހު ވެންގާ ބުންޏެވެ.
އާސެނަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް އޮޒިލް ތައްޔާރުވާގޮތަށް މިހާރު ވާހަކަ ދެކެވެމުންދާ އިރު، މިމަހުގެ ކުރީކޮޅު ވާހަކަތައް ދިޔައީ މުޅިން ތަފާތު ގޮތަކަށެވެ. އާސެނަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާނުކޮށް، މެންޗެސްޓާ ޔުނައިޓެޑާ ގުޅެން އޮޒިލް ނިންމާފައިވާ ކަމަށް މިމަހުގެ ކުރީކޮޅު ހަބަރުތައް ފެތުރެމުންދިޔައެވެ.
މިމަހު ކުރިއަށްދާ ޓްރާންސްފާގައި އާސެނަލް ދޫކޮށް ދިޔަ އެންމެ މުހިންމު ކުޅުންތެރިޔަކީ ޗިލީ ތަރި އެލެކްސިސް ސަންޗޭޒެވެ. އާސެނަލުން ޔުނައިޓެޑަށް ސަންޗޭޒް ދޫކޮށްލި ނަމަވެސް، ޔުނައިޓެޑުން ވަނީ ބަދަލުގައި އާސެނަލަށް ހެންރިކް މިކިތާރިޔަން ދޫކޮށްލައިފައެވެ.
އާސެނަލުން ބޮރޫޝިއާ ޑޯޓްމަންޑުގެ ޕިއެރޭ އެމެރިކް އޮބަމަޔާން ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު، އޮޒިލްގެ ކޮންޓްރެކްޓް އާކުރުން ވެގެންދާނީ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްވަންސީ ސިޓީ އަތުން 3-1ގެ ނަތީޖާއަކުން ބަލިވި އާސެނަލަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ.
ރެއާލް މެޑްރިޑުން 2013 ވަނަ އަހަރު އާސެނަލްގެ ރެކޯޑު ފީއެއްގައި އެކްލަބާ ގުޅުނު ހިސާބުން ފެށިގެން އޮޒިލް ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މީގެ ފަސް އަހަރު ކުރިން އާސެނަލްއާ އޮޒިލް ގުޅުނީ 42.5 މިލިއަން ޕައުންޑަށެވެ.