ގާނޫނާ ޚިލާފަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ 17 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން 'ސަން' އަށް މިރޭ ވިދާޅުވީ ނިހާން އައީޖީއެމްއެޗަށް ގެންގޮސްފައިވަނީ މިރޭ 7:37ގައި ކަމަށާއި އޭނާގަ ހާލު ސީރިއެސް ނޫން ކަމަށެވެ.
"ހަދަން ޖެހޭ ޓެސްޓްތަކެއް ހެދުމަށް ނިހާން ހޮސްޕިޓަލްގައި ބާއްވާފައި އޮތީ. ހާލު ވެސް ރަނގަޅު،" ލުގްމާން ވިދާޅުވިއެވެ.
ނިހާންގެ އާއިލާގެ މެމްބަރަކު ވިދާޅުވީ، އޭނާގެ ސިއްހީ ހާލު ދެރެވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާކަން ކަރެކްޝަނުން އަންގާފައި ނުވާ ކަމަށެވެ.
އެފަދަ މައުލޫމާތެއް ލިބުމުން އާއިލާއިން ހޮސްޕިޓަލަށް ގޮސް އެމަޖިންސީ ރޫމްގައި އޮންނެވި ނިހާނާ ބައްދަލުކުރަން އެދުމުން އެ ފުރުސަތު ކަރެކްޝަންގެ އޮފިޝަރުން ދީފައިނުވާ ކަމަށް ވެސް އާއިލާގެ މެންބަރު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު ލުގުމާން ވިދާޅުވީ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން ގައިދީއެއްގެ ހާލު ސީރިއަސް ނޫން ނަމަ އާއިލާއަށް ނާންގާނެ ކަމަށެވެ. އެހެންކަމުން އެފަދަ ގައިދީއަކު ހޮސްޕިޓަލްގައި އެޑްމިޓްކުރިޔަސް އާއިލާއަށް ބައްދަލުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.