ވީއައިއޭގައި އަޅާ އާ ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށައިިފި

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ރަސްމީކޮށް ފެށުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އާ ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ގިނަ ޕްރޮޖެކްޓައް ހަވާލުކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން (ބީޔޫސީޖީ) އާއެވެ.

މިއަދު ވީއައިއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޓާމިނަލްގެ ބިންގާ އަޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާގެ އިތުރުން މަސައްކަތް ހަވާލުކޮށްފައިވާ ބީޔޫސީޖީގެ ޖެނެރަލް މެނޭޖަރު ލީ ޑާއޯ ސަންގް އަދި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒެންގް ލިޒް ހޮންގް އެވެ.

އާ ސީޕްލޭން ޓާމިނަލް ތަރައްގީކޮށް ނިމޭއިރު ސީޕްލޭން ޓާމިނަލްގެ އިތުރުން ސީޕްލޭން މެއިންޓެނެންސް ރިޕެއާ އެންޑް އޮޕަރޭޝަންސް (އެމްއާރްއޯ) ވެސް ގާއިމް ކުރާނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ސީޕްލޭން އޮޕަރޭޝަންސް ތަކަކީ ދުވާލަކު 400 އާ 500 އާ ދެމެދުގެ މޫވްމަންޓްސް ރިކޯޑު ކުރެވޭ ތަނެއް ކަމަށެވެ. އެއާޕޯޓުގެ އުމްރާނީ ތަރައްގީ އާ އެއްވަރަށް އެއާޕޯޓުން ދޭ ޚިދުމަތްތައްވެސް ރަނގަޅުކުރަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރަން ޖެހޭ. އިންފްރާސްޓްރަކްޗާ ތަރައްގީވާ ވަރަށް، ދޭ ޚިދުމަތް ރަނަގޅު ކުރަން ޖެހޭ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓު ފެހިކޮށް ޒީނަތްތެރި ކުރުމުގެ މަސައްކަތްތަކެއް ފަށައިގެން ކުރިއަށް އެބަ ދާކަމަށެވެ. އެއާޕޯޓަށް އަންނަ ތަރައްގީ އަކީ ރައްޔިތުންނަށްވެސް އަންނަ ތަރައްގީ އެއް ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދަނީ އެއާޕޯޓުގެ އޮޕަރޭޝަނަށް އެއްވެސް ހުއްޓުމެއް ނާންނަގޮތަށް ވަރަށް ރޭވުންތެރިކަމާއެކު ކަމަށެވެ. އަދި ތަރައްގީގެ ހުރިހާ މަޝްރޫއެއްވެސް ކުރިއަށްދަނީ ވަރަށް ގުޅިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިސާލެއްގެ ގޮތުން އަޅުގަނޑު ދަންނަވާލާނަން. ފުރަތަމަ ޕްލޭން ކުރިއިރު އޮތްވަރަށްވުރެ އުތުރަށް އާ ރަންވޭ ވަނީ ޖެއްސިފަ. މި ގޮތަށް ނިންމީ ބްރިޖާއެކު އެއާޕޯޓުގެ ފަސެންޖާ ޓްރެފިކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ގޮތަކަށް ކަންތައްކުރިއަށް ގެންދިއުމަށް ރައީސްގެ އިސްނެންގެވުމުގެ މަތިން،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒެންގްް ލިޒް ވިދާޅުވީ ރާއްޖެއާއި ޗައިނާ އާ ދެމެދު އޮތީ ގާތް ގުޅުމެއް ކަމަށާއި ރާއްޖެއަށް އަންނަ އުމްރާނީ އަދި އިގްތިސާދީ ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި އަބަދުވެސް ޗައިނާ ދެމި އޮންނާނެ ކަމަށެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވާ ޗައިނާގެެ ބީޔޫސީޖީގެ ޖީއެމް ލީ ޑާއޯ ވިދާޅުވީ އެ ކުންފުނިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ ތަރައްގީގެ ޕްރޮޖެކްޓްތަކުގެ މަސައްކަތުގެ ސްޓްރަކްޗާ 10 މަސްތެރޭ ނިންމާލެވޭނެ ކަމަށެވެ.

އެއާޕޯޓު ޓާމިނަލް އަޅަން 3.2 ހެކްޓަރުގެ ބިން ހިއްކާފައިވަނީ ވެސް ބީޔޫސީޖީ އިންނެވެ.

comment ކޮމެންޓް