މި ދައުރު ނިމުމުގެ ކުރިން މަރުގެ ހުކުމް ތަންފީޒު ކުރާނެކަމާ މެދު ޝައްކެއް ނެތް: އަޒްލީން

މިނިސްޓަރު އަޒްލީން އަހްމަދު: އޭނާ ވިދާޅުވީ މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ވިދާޅުވެއްޖެއެވެ.

'ސަން' އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަޒްލީން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރަން ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިއްޖެ ކަމަށާއި ތަންފީޒުކުރުން ލަސްވަނީ އެއީ ބޮޑު ކަމެއް ކަމަށް ވުމުން ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރުމުން ކަމަށެވެ.

"މި އަހަރުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒުކުރެވިގެން ދާނެ. އެއީ ގުރުއާނާ ސުންނަތުގަ އައިސްފައިވާ ގޮތް. ރައިސުލްޖުމްހޫރިއްޔާ ވެސް ވަނީ މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް އަތެއް ފަހަރަކު ވެސް ވިދާޅުވެފަ،" އަޒްލީން ވިދާޅުވިއެވެ.

"ސީދާ ވަގުތެއް އަޅުގަނޑަކަށް ހަމަ ދަންނަވާކަށް ނޭނގެ. އެކަމަކު ދައުރު ނިމުމުގެ ކުރިން ހަމަ ޔަގީނުން ވެސް އެކަން ކުރައްވާނެ،" އަޒްލީން ވިދާޅުވިއެވެ.

ރާއްޖޭގައި އަލުން މަރުގެ ހުކުމް ތަންފީޒުކުރަން މި ފަށަނީ 60 އަށް ވުރެ ގިނަ އަހަރަށް ފަހުންކަން ފާހަގަކުރައްވައި އަޒްލީން ވިދާޅުވީ އެކަމަކީ ބަޔަކު މިގައުމުގައި ކުރަން ވަރަށް ނުރުހޭ ކަމެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން އިސްލާމީ ޝަރީއަތުގެ ހުކުމްތައް މި ގައުމުގައި ގާއިމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަޒްލީން މީގެ ކުރިން ވެސް ވަނީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަސް ވިދާޅުވެފައެވެ.

comment ކޮމެންޓް