އެއްވެސް ސަބަބަކާ ހުރެ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަކީ ފެންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާންމުންގެ ތާއީދު ހޯދަން އެފަދަ ވާހަކައެއް ދެއްކުމަކީ ތައުލީމީ މީހަކު ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށެވެ.
މައުމޫން މިހެން ވިދާޅުވެފައިވަނީ މި ސަރުކާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާނު ވެސް މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މަރުގެ އަދަބު ތަންފީޒުކުރާނެ ކަމަށް ވިދާޅުވެފައި ވަނިކޮންނެވެ. އެކަމަކު، އެއާ ގުޅޭ އިތުރު ތަފުސީލެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.
މައުމޫން މީގެ ކުރިން ވެސް ވަނީ މަރުގެ އަދަބު ދިނުމާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން، މަރަށް މަރު ހިފުމަކީ ތަރައްގީގެ ލަނޑުދަނޑިއެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނުގެ ވެރިކަމުގައި މަރަށް މަރުހިފަން ހުކުމް ކުރެވުނު ބައެއް ބޮޑެތި ކުށްވެރިންނަށް ވެސް އެ މަނިކުފާނު މާފުދެއްވިއެވެ.
މަރުގެ ހުކުމް އިއްވައިފައިވާ ގާތިލުން ރާއްޖޭގައި ތިބި ނަމަވެސް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެ ހުކުމް ތަންފީޒްކޮށްފައެއް ނުވެއެވެ.
އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގިޞާސް ހިފަން ބައެއް މަސައްކަތްތައް ކޮށްފައިވީ ނަމަވެސް ތަންފީޒުކުރުމާ ހަމައަށް ނުދެއެވެ.
ޔާމީން މީގެ ކުރިން ވިދާޅުވެފައި ވަނީ، މަރުގެ އަދަބު ދިނުމަކީ އަބަދު ވެސް ގަބޫލުކުރައްވާ އަދި ތާއީދު ވެސް ކުރައްވާ ކަމެއް ކަމަށާއި ނަމަވެސް މަރުގެ އަދަބު ތަންފީޒުކުރުމަށް ދިމާވާ ބައިވަރު ހުރަސްތަކެއް ހުރި ކަމަށެވެ. އެގޮތުން ރާއްޖޭގައި ތަހުގީގުތައް މިހާރު ކުރެވޭ ގޮތާއި ރާއްޖޭގައި ކުރެވޭ ޖިނާއީ ތަހުގީގުތަކާ ދޭތެރޭ ރައްޔިތުންގެ އެއްވެސް ކަހަލަ އިތުބާރެއް އޮތްކަމާމެދު ސުވާލު އުފެދުން ޔާމީން ފާހަގަކުރައްވައިފައިވެއެވެ.
ޔާމީނަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ މަރުގެ ތަންފީޒު ކުރުމުގެ ވިސްނުމެއް އެ ސަރުކާރުން ނުގެންގުޅޭ ކަމަށް ބުނެފައެވެ. އޭގެ ފަހުން، ދެން އުފެދުނު މިހާރުގެ ސަރުކާރުން އަނެއްކާ ވެސް ވަނީ މަރުގެ އަދަބު ތަންފީޒުކުރާނެކަން ހާމަކޮށްފައެވެ.