މަރުގެ ހުކުމް ތަންފީޒުކުރުމަކީ ގައުމީ ތަރައްގީގެ ލަނޑުދަނޑިއެއް ނޫން: މައުމޫން

ނޮވެމްބަރ 23، 2019: ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު -- ސަން ފަޔާޒު މޫސާ

މަރުގެ ހުކުމް ތަންފީޒުކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑިއެއްކަން ދެނެވަޑައިނުގަންނަވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ޕޯސްޓެއް ކުރެއްވީ މި ސަރުކާރުގެ ސިޔާސަތަކީ ވެސް މަރުގެ ހުކުމް ތަންފީޒުކުރުންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނިކޮށެވެ.

އިހުސާން މިފަދައިން ވިދާޅުވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަން ޖެހޭ ކަންކަން އަދި ބަލަން ޖެހޭ ކަންކަން ބަލައިފައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އިމުގެ ތެރޭގައި އަޅުގަނޑުމެން އެކަން ކުރާނީ،" އިހުސާން ވިދާޅުވިއެވެ.

އެކަމާ ގުޅޭ އިތުރު ތަފުސީލެއް އިހުސާން ނުދެއްވައެވެ.

މަރުގެ ހުކުމް އިއްވައިފައިވާ ގާތިލުން ރާއްޖޭގައި ތިބި ނަމަވެސް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެ ހުކުމް ތަންފީޒްކޮށްފައެއް ނުވެއެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގިޞާސް ހިފަން ބައެއް މަސައްކަތްތައް ކޮށްފައިވީ ނަމަވެސް ތަންފީޒުކުރުމާ ހަމައަށް ނުދެއެވެ.

ޔާމީން މީގެ ކުރިން ވިދާޅުވެފައި ވަނީ، މަރުގެ އަދަބު ދިނުމަކީ އަބަދުވެސް ގަބޫލުކުރައްވާ އަދި ތާއީދު ވެސް ކުރައްވާ ކަމެއް ކަމަށާއި ނަމަވެސް މަރުގެ އަދަބު ތަންފީޒުކުރުމަށް ދިމާވާ ބައިވަރު ހުރަސްތަކެއް ހުރި ކަމަށެވެ.

އެގޮތުން ރާއްޖޭގައި ތަހުގީގުތައް މިހާރު ކުރެވޭ ގޮތާއި ރާއްޖޭގައި ކުރެވޭ ޖިނާއީ ތަހުގީގުތަކާ ދޭތެރޭ ރައްޔިތުންގެ އެއްވެސް ކަހަލަ އިތުބާރެއް އޮތްކަމާމެދު ސުވާލު އުފެދުން ރައީސް ޔާމީން ފާހަގަކުރައްވައިފައިވެއެވެ.

ރައީސް ޔާމީނަށްފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ މަރުގެ ތަންފީޒު ކުރުމުގެ ވިސްނުމެއް އެ ސަރުކާރުން ނުގެންގުޅޭ ކަމަށް ބުނެފައެވެ.

comment ކޮމެންޓް