އެއްފަހަރާ 400 ޓަނުގެ ކުނި އުފުލޭ ފަސް ކޮޅުވެއްޓި އަންނަ މަހު ރާއްޖެ ގެންނަނީ

ތިލަފުއްޓަށް ކުނި ގެންދާ ކޮޅުވެއްޓީގައި އެކްސަވޭޓަރުން ކުނި އެއްކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްފަހަރާ 400 ޓަނުގެ ކުނި އުފުލޭ ފަސް ކޮޅުވެއްޓި އަންނަ މަހު ރާއްޖެ ގެންނާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.

މާލެ ސަރަހައްދުގައި އުފެދޭ ކުނި އުފުލުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ފަސް ކޮޅުވެއްޓި ބަންނަން ހަވާލު ކޮށްފައިވަނީ އިންޑިއާގެ ވިޖެއި މެރިން ޝިޕްޔާޑް ގޯއާ ކުންފުންޏާއެވެ. މިއިން ކޮންމެ ކޮޅުވެއްޓިއެއް ބަނުމަށް ނުވަ މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ ފަސް ކޮޅުވެއްޓީގެ ތެރެއިން ދެ ކޮޅުވެއްޓީގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. މި ކޮޅުވެއްޓިތަކުގެ ތެރެއިން ތިން ކޮޅުވެއްޓި ޚާއްސަ ކުރެވޭނީ މާލެ ސަރަހައްދަށް ކަމަށާއި އަނެއް ދެ ކޮޅުވެއްޓިއަކީ ދެކުނުގެ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢުގައި ބޭނުންކުރުމަށް ޚާއްސަ ކޮޅުވެއްޓިތަކެއް ކަމަށެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ނައިބު އަލީ އާމިރު ވިދާޅުވީ ކޮޅުވެއްޓިތަކުގެ މަސައްކަތް ދާދި އަވަހަށް ނިމި، އަންނަ މަހު ރާއްޖެ ގެނެވޭނެކަމަށާއި މާލެ ސަރަޙައްދަށް ޚާއްސަކުރެވޭ ތިން ކޮޅުވެއްޓި، ވެމްކޯގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފެށުމުން ވެމްކޯގެ ހަރަދުތައް ކުޑަވާނެ ކަމަށެވެ.

"ތިން ކޮޅުވެއްޓި ބޭނުންކުރެވޭނީ މާލެއިން ތިލަފުއްޓަށް ކުނި ގެންދިއުމަށް. އެއީ ވެމްކޯގެ އޮޕަރޭޝަންތަކަށް ހާއްސަކުރެވޭ އުޅަނދުތަކެއް. ވެމްކޯއިން މިހާރު ކުނި އުފުލަމުންދަނީ ކުއްޔަށް ހިފައިގެން. ކުއްޔަށް ހިފައިގެން ކުނި އުފުލުމަކީ ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމެއް،" ޢަލީ އާމިރު ވިދާޅުވިއެވެ.

ވެމްކޯއިން ބުނީ އަލަށް ގެންނަ ކޮޅުވެއްޓިތައް އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފެށުމުން ދެމެހެއްޓެނިވި ގޮތަކަށް ކުނި ބޭރު ކުރުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް