އޮބަމަޔާންއަށް އާސެނަލުން ހުށަހެޅި 60 މިލިއަން ޕައުންޑުގެ އަގަށް ޑޯޓްމަންޑުން އެއްބަސްވަނީ!

ބޮރޫޝިއާ ޑޯޓްމަންޑުގެ ފޯވާޑް ޕިއެރޭ އެމެރިކް އޮބަމަޔާން -- ފޮޓޯ/ ގެޓީ

ބޮރޫޝިއާ ޑޯޓްމަންޑުގެ ސްޓްރައިކަރު ޕިއެރޭ އެމެރިކް އޮބަމަޔާން، 60 މިލިއަން ޕައުންޑުގެ އަގަކަށް އާސެނަލާ ގުޅޭނެ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.

އުމުރުން 28 އަހަރުގެ ގެބޯން އިންޓަނޭޝަނަލް އޮބަމަޔާން، އާސެނަލަށް ގެންދިއުމަށް މަސައްކަތްކުރާތާ މިހާރު ހަފްތާއެއް ވެއްޖެއެވެ. އެ ޓްރާންސްފާގެ ކަންތައް މިހާތަނަށް ހަމަޖެހިފައިނުވަނީ ޑޯޓްމަންޑުން އޮބަމަޔާން ދޫކޮށްލުމަށް އެއްބަސްވާނެ 70 މިލިއަން ޕައުންޑުގެ އަގަށް އާސެނަލުން އެއްބަސްވެފައި ނުވާތީއެވެ.

މިދިޔަ ސީޒަނުގައި 31 ލީގު ލަނޑު ކާމިޔާބުކުރި އޮބަމަޔާން، ޑޯޓްމަންޑުން ކުރިން ކުޅުނު ދެ މެޗެއްގައި ފެނިފައެއް ނުވެއެވެ. އޭނާއަކީ ކުރިން އާންމުކޮށް ޑޯޓްމަންޑުގެ ފުރަތަމަ 11ގައި ހިމެނި ކުޅެމުންދާ ކުޅުންތެރިއެވެ. އޭގެ އިތުރުން ޑޯޓްމަންޑްގެ ކޯޗު ޕީޓާ ސްޓޮގާއާއެކު ބޭއްވި ޓީމު ބައްދަލުވުމެއްގައި ވެސް އޮބަމަޔާން ބައިވެރިވެފައެއް ނުވެއެވެ.

ދެ މެޗެއްގައި އޮބަމަޔާން ނުފެމަށްފަހު ދެން އޭނާ ފެނިގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހު ފްރޭބާގްއާ ދެކޮޅަށް ކުޅެ ޑޯޓްމަންޑް އެއްވަރުވި މެޗުގައެވެ. ޑޯޓްމަންޑުގެ ހުށަހެޅުންތަކަށް އާސެނަލުން އެއްބަސްވެއްޖެ ނަމަ، އޮބަމަޔާން ދޫކޮށްލުމަށް ޑޯޓްމަންޑުން ހުރީ ތައްޔާރަށެވެ.

"އަހަރެމެން އެ ޓްރާންސްފާއަށް ކުރިއަށްގެންދާނަން. އެކަމަކު އެއީ އާސެނަލުން އަހަރެމެންގެ ހުރިހާ ހުށަހެޅުންތަކަށް އެއްބަސްވެއްޖެ ނަމަ. މިހާތަނަށް އާސެނަލުން މަސައްކަތްތަކެއް ކުރި ނަމަވެސް، އަހަރެމެން ވާނީ އިންކާރު ކޮށްފައި،" ޖަރުމަން ޓީވީއަށް ޑޯޓްމަންޑުގެ ސްޕޯޓިން ޑިރެކްޓަރު މައިކަލް ޒޯކް ވިދާޅުވިއެވެ.

އާސެނަލުގެ 60 މިލިއަން ޕައުންޑުގެ އަގަށް ޑޯޓްމަންޑުން އެއްބަސްވުމާ ގާތަށް ގޮސްފައިވާ އިރު، ޑޯޓްމަންޑުގައި ކުރިން ވިދާލި ހެންރިކް މިކިތާރިޔަން ވެސް ވަނީ ދާދި ފަހުން އާސެނަލާ ގުޅިފައެވެ. މެންޗެސްޓާ ޔުނައިޓެޑުން އާސެނަލަށް މިކިތާރިޔަން ދޫކޮށްލީ ސްވެޕް ޑީލެއްގައެވެ. އެ ޓްރާންސްފާގައި އާސެނަލުން ޔުނައިޓެޑަށް ބަދަލުގައި ދީފައިވަނީ ޗިލީ ތަރި އެލެކްސިސް ސަންޗޭޒްއެވެ.

މިސީޒަނުގެ މިހާތަނަށް އޮބަމަޔާން ވަނީ ޑޯޓްމަންޑަށް ކުޅުނު 24 މެޗުން 21 ލަނޑު ކާމިޔާބުކޮށްދީފައެވެ. ސެއިންޓް އެޓިއެންއިން 2013 ވަނަ އަހަރުގެ ޖުލައި މަހު ޑޯޓްމަންޑާ ގުޅުމަށް ފަހު އޮބަމަޔާން ވަނީ މިހާތަނަށް އެ ކްލަބަށް ޖުމްލަ 141 ލަނޑު ކާމިޔާބުކޮށްދީފައެވެ. ގެބޯން ގައުމީ ޓީމަށް ކުޅުނު 56 މެޗުން މިހާތަނަށް އޮބަމަޔާން ވަނީ 23 ލަނޑު ކާމިޔާބުކޮށްދީފައެވެ.

comment ކޮމެންޓް