އަހަރެން ފިކުރާވި އިސްލާމްދީން: އިންސާނީ ދަރިފަސްކޮޅުގެ މެގްނާކާޓާ

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ބަޔަކު އުމްރާއަށް ފުރަނީ - ފޮޓޯ: ހައްޖު ކޯޕަރޭޝަން

ތަރުޖަމާކުރީ: ޢަބްދުﷲ ފާރޫޤު ޙަސަން

އާއްމުގޮތެއްގައި ދީންތަކުގެ ފޮތްތަކުން ދަޢުވާކުރާ ގޮތުގައި އެފޮތްތަކަކީ އިންސާނާއާ ކަލާނގެ ރަސްކަންފުޅާ ގުޅުވައިދޭ ފޮތްތަކެކެވެ. ނަމަވެސް ޢަމަލީގޮތުން ފެނިފައިވަނީ (އެންމެ އިސްތިސްނާއެއްފިޔަވައި އެހެނިހެން ފޮތްތަކުން) ރަސްރަސްކަލުންނާއި، ބިންވެރީންނާއި ޕުޖާރީންގެ ކުރިމަތީގައި އިންސާނުން އަޅުވެތިކަމާއެކު ބޯލަންބާތަނެވެ. އިންސާނުންގެ އަތްފައިގައި ކަސްތޮޅުއަޅުވައި އިންސާނުން ހަފުސްކުރުވައި މަޖްބޫރުކުރުވައިފައިވަނީވެސް އެފޮތްތަކުންނެވެ.

އެފޮތްތަކުން ރަސްރަސްކަލުންނަށްވަނީ ކަލާނގެ އައުތާރުން (ހިންދީންގެ ޢަޤީދާގައިވާގޮތުން އެބައެއްގެ ހަށިތަކުގައި ކަލާނގެ ހުލޫލުވެގެންވާމީހުން) ގެ ދަރަޖަދީފައެވެ. "ކަލާނގެ ހިޔަނިފުޅު" ފަދަ ލަޤަބުތައްދީ ޝަރަފުވެރިކޮށްފައެވެ. ބައެއްފޮތްތަކުގައި ހަމައެކަނި ކަރުދާސްކޮޅުގެ ފެންވަރުގައި އިންސާނީ މިނިވަންކަމުގެ ވާހަކަ ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ޢަމަލީގޮތުން އެފޮތްތައްވަނީ އިންސާނުން، އިންސާނުންގެ އަޅުވެތިކަމުން މިންޖުކޮށްދިނުމުގައި ނާކާމިޔާބުވެފައެވެ.

އަނެއްކޮޅުން އަލްޤުރްއާނުލްކަރީމު ތަކުރާރުކޮށް ގޮވައިލައްވައިފައިވަނީ އިންސާނާ ތިމާފަދައަނެއް އިންސާނަކަށް އަޅުކަންކޮށްގެން ނުވާނެކަމުގައެވެ. (އުރެދުންތަކަށް އަރައިގަތުމުގައި)އިންސާނުން އިންސާނުންނަށް ކިޔަމަންވެގެންނުވާނެކަމުގައެވެ. އެއްއިންސާނަކު އަނެއް އިންސާނެއްގެ ކުރިމަތީގައި އާދޭހުގެ އަތް ފަތުރައިލައިގެންނުވާނެކަމުގައެވެ. ކީރިތި ޤުރުއާން މިކަންކަމަށް ގޮވައިލެއްވި ވަރުގަދަކަމުން އެޚިޔާލުތައްވަނީ އިންސާނީ ޠަބީއަތާއެކުވެފައެވެ. އޭނާގެ ނާރުތަކުގެ ލެޔާއެކުވެގެން ހިނގަ ހިނގައެވެ. އާދެ، ކީރިތިޤުރުއާނުގައިވާގޮތުން އަޅުވެތިވުމާއި އަޅުކަންކުރުމާއި ބޯލަނބައި ކިޔަމަންވުމާއި، އެހީއަށްއެދި އަތްދިއްކޮށްލުން އެކަށީގެންވަނީ ހަމައެކަނި ﷲސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތަށެވެ.

ކީރިތިޤުރުއާނުގެ އިރްޝާދުތައް ބަލައިގަތުމުން ވާނީ ކިހިނަކުންތޯއެވެ. ވެފައިއޮތީ ކޮންގޮތަކަށްތޯއެވެ. އިންސާނުން އިންސާނުންނަށް އަޅުކަންކުރުންވަނީ ހުއްޓިފައެވެ. އިންސާނުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވުންވަނީ ހުއްޓިފައެވެ. އިންސާނާގެ ފިކުރާއި ވިސްނުން ފުޅާވެ ކުރިއަރައިގެން ދިޔަނުދިނުމަށް އަޅައިފައިވާ ހުރަސްތައްވަނީ ބުރިބުރިވެފައެވެ. އިންސާނާއަށްވަނީ ފުރިހަމަ މިނިވަންކަންލިބިފައެވެ. އިންސާނުންގެ އަމިއްލަވަންތަކަންވަނީ ހޭލައިފައެވެ. އިންސާނީ ހަޔާތަށް ވެރިވެފައިއޮތް އަނދިރިކަންވަނީ ފިލައި އަލިވެފައެވެ. އިންސާނީ ފިކުރުގެ މާބަގީޗާއަށްވަނީ ފަތިހުގެ ފިނިރޯޅި ލިބެންފަށައިފައެވެ. އިންސާނާއަށްވަނީ އުފަލާއި ހިތްހަމަޖެހުންލިބިފައެވެ. ތިމާފަދަ އެހެނިހެން އިންސާނުންގެ މައްޗަށް ކައުވަންތަކަމުގެ ބާރުލިބިފައިވާ ކަމަށް ދައުވާކުރާ މީހުންގެ ސިހުރު ވަނީ ބާޠިލްވެފައެވެ. އެފަދަމީހުން ވަނީ އިންސާނީ ދަރަޖަޔަށް ތިރިކުރުރެވިފައެވެ. މިސާލެއްނުވާފަދަ މި މަތިވެރި ކާމިޔާބީއެއް ހޯދައިފައިވާ ހަމައެކަނި ފޮތުގެ ނަމަކީ އަލްޤުރުއާނުލްކަރީމެވެ.

އިންސާނީ ހައްޤުތަކުގެ މިއަށްވުރެ މަތިވެރި ޗާޓަރެއް އިންސާނީލޯތައް ދުވަހަކުވެސް ދެކެފައެއްނުވެއެވެ. ޝައްކެއްނެތެވެ. މެގްނާކާޓާއަށްވުރެވެސް އަލްޤުރުއާނުލްކަރީމު މާމަތިވެރިއެވެ. އިންސާނީ ހައްޤު ތަކުގެ ފުރިހަމަ ޗާޓަރެއް ދުނިޔޭގައިވާނަމަ އެޗާޓަރަކީ މުޞްޙަފުލް ޤުރުއާނެވެ.

އެމަތިވެރި ޗާޓަރވަނީ އަޅުވެތިކަމުގެ ކަސްތޮޅުތައް ފުނޑުފުނޑުކޮށްފައެވެ. އެންމެހައި އިންސާނުންނަށް ހަމަހަމަކަމުގެ ޙައްޤުދީފައެވެ. އެންމެންނަކީވެސް ތުނޑު ސުފުރާޔަށް އަތްހަމަވާ ބަޔަކަށް ހަދައި އެއްސުފުރާއެއްގައި ބައިތިއްބައިފައެވެ. އިންސާނީ މިނިވަންކަމުގެ މިޗާޓަރ، އަލީގެ މިފަނާރު އެންމެހައި އިންސާނުންނާ މުޚާޠަބުކުރައްވަނީ އަންނަނިވިމޭރުމުންނެވެ.

"އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އަދަމުގެފާނާއި ޙައްވާގެފާނުގެކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި، ޤަބީލާތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތައާރަފުވުމަށްޓަކައެވެ." (އަލްޙުޖުރާތު:13)

މި މަތިވެރި އިރްޝާދު އިންސާނުންނަށް ދަސްކޮށްދެއްވަނީ އިންސާނީ ދަރިފަސްކޮޅަކީ އެއް އާއިލާއެއްކަމެވެ. ވަކިވަކިއާއިލާތަކަށާއި، ދަރިކޮޅުތަކަށް ބައްސަވައިފައިވަނީ އެއްބަޔަކު އަނެއްބަޔަކު ފާހަގަކޮށް ދެނެގަތުމަށްޓަކައިކަމެވެ.

  • އުފަންވިރަށާއި، ގައުމުގެ މައްޗަށް ބިނާކޮށް މޮޅުދެރަވުން
  • ޤަބީލާ (ވަންހަ) ގެ މައްޗަށް ބިނާކޮށް މޮޅުދެރަވުން
  • ދަރިކޮޅުގެ މައްޗަށް ބިނާކޮށް މޮޅުދެރަވުން

މިހުރިހާ އިމްތިޔާޒުތަކެއްވަނީ މުލުންލުހެ އެއްލައިލެވިފައެވެ.

އެންމެހައި އިންސާނުން ދުނިޔެއަށް އުފަންވަނީ މިނިވަނުންގެ ގޮތުގައެވެ. އެންމެންނަށްވެސް ލިބިފައިވަނީ ހަމަހަމަ ޙައްޤުތަކެކެވެ. އެންމެންނަކީވެސް އެއްފެންވަރެއްގެ ދިރިއުޅުމެއް އުޅުމުގެ ޙައްޤުލިބިފައިވާ އެއްބަޔެކެވެ. މިހައިތަނުން ދެންއުފެދޭ ސުވާލަކީ އަލްޤުރުއާނުލްކަރީމު އިންސާނުން ތިމާމެންފަދަ އެހެނިހެން އިންސާނުންގެ އަޅުވެތިކަމާއި ގޮށްމުށުބާރުގެ ދަށުން މިނިވަންކުރައްވައި ހަމަހަމަ ޙައްޤުތަކެއް ލިބިދެއްވުމަށްފަހު އެއްވެސް ލަގަނެއްނެތި ދޫކޮށްލެއްވީތޯ މިސުވާލެވެ. އިންސާނުންނަކީ ނުކިޔަމަންތެރި، ގޮތްދޫނުކުރާ ބަޔަކަށްވާން ދޫކޮށްލެއްވީތޯ މިސުވާލެވެ. އިންސާނުން ހުރިހާ ޒިންމާތަކުން އެއްކިބާކުރެއްވުމަށްފަހު އިމެއްނެތި ދޫކޮށްލެއްވީތޯ މިސުވާލެވެ. ނޫނެކެވެ. ނޫނެކެވެ. އެއްގޮތަކަށްވެސް އެހެނަކުންނޫނެވެ.

އަލްޤުރުއާނުލްކަރީމް އިންތިހާ ދަރަޖައަށް ބާރުއަޅުއްވަނީ ތަޤްވާވެރިކަން ޚިޔާރުކުރުމަށެވެ. ހަމައެކަނި އެއްކައުވަންތަ ﷲ އަށް ބިރުވެތިވުމަށެވެ. އެފޮތް އަމުރުކުރައްވަނީ އެހެންފަރާތްތައް ދެކެ ބިރުނުގަތުމަށެވެ. މި އިރުޝާދުތަކުގެ ޒަރީއާއިން އިންސާނުންގެ ހިތްތަކުގައި މާތްﷲ އާމެދު ބިރުވެތިކަން އަށަގެންނެވުމަށްފަހު ހިތްވަރުދެއްވަނީ ހަމައެކަނި ޤާނޫނު ތަކާއި ގަވައިދުތަކަށް ކިޔަމަންވުމަށެވެ. ހަމަޔާއި އިންސާފުގެ ކުރިމަތީގައި ބޯލެނބުމަށެވެ. އިންސާނުންގެ ކިބައިގައި މިމަތިވެރި ހިތްވަރާއި ފަންވަރު އުފެއްދެވީ ހަމައެކަނި އަލްޤުރްއާނުލްކަރިމެވެ.

އަލްޤުރުއާނުލްކަރީމް ގޮވައިލައްވަނީ އަނިޔާވެރީންނާއި، އިންސާފުން އެއްކިބާވެފައިވާ ޤާނޫނުތަކާއި، އިންސާނުންގެ ކިބައިން ހުއްދަނޫން މަންފާތައް ހޯދައި އުޅޭމީހުންދެކެ ޖެހިލުންނުވުމަށެވެ. ހަނގުރާމައާއި، ބަލިމަޑުކަމާއި، މަރާއި، ފަޤީރުކަމާއި އަތްމަތިދަތިކަމާ ކުރިމަތިލާން ޖެހުނުކަމުގައި ވިޔަސް ފަހަތަށް ނުޖެހުމަށެވެ. އެފަދަ އެއްވެސް ކަމެއް ދެކެ ބިރުނުގަތުމަށެވެ.

ހަޔާތުގެ އަޑިގުޑަންކަމަށް ބިރުގަނެ އެކަންކަމުން ފިލާކަށެއް އަލްޤުރުއާނުލްކަރީމު ހުއްދައެއް ނުދެއްވައެވެ. އަދިކީއްތޯއެވެ. އެފޮތުގައި އިރްޝާދުދެއްވަނީ ފުރިހަމަ ހަޔާތަކީ އެފަދަކަންކަންކަމާ ކުރިމަތިލައި ހިތްވަރާއި ސާބިތުކަމާއެކު ކުރިޔަށްދިޔުންކަމެވެ.

  • މިދެންނެވިފަދަ އިމްތިޔާޒީ ދަރުސްތަކެއްދޭ ފޮތަކީ ޔަޤީނުންވެސް އަލްކިތާބެވެ.
  • މިފަދަ މަތިވެރި ނިއުމަތްތަކެއް ހިބަކޮށްދޭ ފޮތަކީ ޔަޤީނުންވެސް މުޤައްދަސުފޮތެކެވެ.
  • މިފަދަ މަތީމަގާމަކަށް އިންސާނާ އުފުލައިދޭފޮތަކީ ޝައްކެއްވަސްވާހެއްނެތްގޮތުގައި މަތިވެރި މާތް ފޮތެކެވެ.
comment ކޮމެންޓް