ނޭމާ ދިއުމުން ބާސާ މާބޮޑަށް ވަރުގަދަވެއްޖެ: މެސީ

ނޭމާ ނެތުމުން ބާސާ މިހާރު މާ ވަރުގަދަކަމަށް އެޓީމުގެ ތަރި ލިއޮނަލް މެސީ ބުނޭ -- ފޮޓޯ: ގޯލް

ސީޒަންގެ މިހާތަނަށް އައި އިރު ބާސެލޯނާއިން ދައްކަމުންދާ ކުޅުމަށް ބަލާއިރު، އެޓީމުގެ ކުރީގެ ތަރި ނޭމާ ޖޫނިއަރ ދިޔަފަހުން މިހާރު ބާސާ މާބޮޑަށް ވަރުގަދަކަމަށް، ލިއޮނަލް މެސީ ބުނެފިއެވެ.

ބާސާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގަކަށް، ނޭމާ ޕީއެސްޖީއާ ގުޅުމުން، ގިނަ ބަޔަކު އަންދާޒާކުރި ގޮތުގައި އާނެސްޓޯ ވަލްވަޑޭގެ ޓީމަށް، އެ އަޑިގަނޑުން އަރައިގަތުމަށް ގިނަ ދުވަސްތަކެއް ނަގާނެއެވެ. ނަމަވެސް، މުޅި ޔޫރަޕުގައިވެސް އޮތް އެންމެ ވަރުގަދަ އެޓޭކިން ލައިނަށް އައި ބަދަލާއެކު ބާސާގެ ކުޅުންވަނީ ވަރަށް ބޮޑަށް ބަދަލުކޮށް، ތަފާތު ދައްކުވައިފައެވެ.

"ނޭމާއާ ނުލައި އަހަރެމެން މާބޮޑަށް ބެލަންސްވެއްޖެ،" ވޯލްޑް ސޮކަރއަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.

"ނޭމާ ދިއުމުން އަހަރެމެންގެ ކުޅުމަށް ބަދަލުގެންނަން ޖެހުނު. އަހަރެމެންގެ އެޓޭކިން ވަރަށް ބޮޑު ހީނަރުކަމެއް އައި. އެހެން ނަމަވެސް، އޭގެ ސަބަބުން އަހަރެމެންގެ ދިފާއު ވަރުގަދަވެގެން ގޮސްފި."

"މިހާރު އަހަރެމެންގެ މިޑްފީލްޑް ވަރަށް ބޮޑަށް ވަރުގަދަވެއްޖެ. އެއާއެކު ޑިފެންސްލައިން އިތުރަށް ވަރުގަދަވެއްޖެ."

ބާސާ ވަނީ ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލްގައި އެސްޕަންޔޯލް އަތުން 2-1 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ. އަދި ސްޕެނިޝް ލީގުގައި މިރޭ މެންދަމު 12:45ގައި އަލަވޭސްއާ ދެކޮޅަށް ނުކުންނައިރު އެޓީމު މިވަގުތު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާއެކުއެވެ.

comment ކޮމެންޓް