ރެއާލާ ގުޅުމަށް ނޭމާއަށް މިހާރު އޮތް ހުރަހަކީ ޗެމްޕިއަންސް ލީގު ޓްރޮފީ!

ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީފި ނަމަ، އެޓީމުގެ ބްރެޒިލް ތަރި ނޭމާ ރެއާލަށް ދޫކޮށްލާނޭ ކަމަށް ޕީއެސްޖީން ވަނީ ބުނެފައި -- ފޮޓޯ: ގެޓީ

ޓްރާންސްފަރ މާކެޓްގައި މިހާރު އެންމެ ފޯރިއާއެކު ދެކެވޭ އެއް ވާހަކައަކީ، ދުނިޔޭ ޓްރާންސްފަރ ރެކޯޑު މުގުރާލުމަށް ފަހު، ސްޕެއިންގެ ބާސެލޯނާއިން ފްރާންސްގެ ޕީއެސްޖީއާ ގުޅުނު ބްރެޒިލް ތަރި ނޭމާ އެނބުރި ސްޕެއިނަށް ދާން ފައިވިއްދާފައިހުރި ވާހަކައެވެ. މިފަހަރު ބާސާއަކަށް ނޫނެވެ. އެ ކްލަބާ އެންމެ ވާދަވެރި ރެއާލް މެޑްރިޑަށެވެ.

ރެއާލްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކްލަބާ މެދު ހިތްހަމަ ނުޖެހިގެން ކްލަބު ދޫކޮށްލަން އުޅޭ ވާހަކައަކީވެސް ޓްރާންސްފަރ މާކެޓްގައި ފޯރިގަދަ ވާހަކައެކެވެ. އެހެންކަމުން ލަލީގާގެ އެންމެ ވަރުގަދަ އެއް ކްލަބު ކަމަށްވާ ރެއާލުން ގަބޫލުކުރާ ގޮތުގައި އެޓީމުން ރޮނާލްޑޯ ދޫކޮށްލައިފި ނަމަ، އެތަން އެންމެ ރަނގަޅަށް ފޫބައްދާލަ ދޭނީ، ނޭމާއެެވެ. އެހެން ނަމަވެސް، 222 މިލިއަން ޔޫރޯގެ ރެކޯޑް ފީއަކަށް ޕީއެސްޖީއާ ގުޅުނު ނޭމާ، އެ ކްލަބުން ގެނައުމަކީ އެހާ ފަސޭހަކަމެއް ނޫންކަން ރެއާލުން ވެސް ދަނެއެވެ.

ޕީއެސްޖީގެ ފޭނުންނަށް ނޭމާ ތައާރަފްކޮށްދެނީ -- ފޮޓޯ: އޭޕީ

ކޮންމެއަކަށް މި ވާހަކަތައް ނިކަން ފޯރީގައި ދެކެވެމުން ދަނިކޮށް، ނޭމާއަށްވެސް އަދި ރެއާލަށް ވެސް މިވަނީ އުފާވެރި ޚަބަރެއް ލިބިފައެވެ. އެއީ ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންފަރގައި ނޭމާއަށް ރެއާލަށް ދެވޭނޭ މަގެއް ޕީއެސްޖީން ކޮށައިދިން ވާހަކައެވެ. އެއީ ހަމަ އެންމެ ޝަރުތެއް މަތިކޮށްފައެވެ.

ނޭމާ، ރެއާލަށް ދާން ބޭނުންނަމަ ކުރަން ޖެހޭ ކަމަކީ، މިސީޒަންގެ ޗެމްޕިއަންސް ލީގު ޓްރޮފީ، ފްރާންސްގެ ވެރިރަށަށް ގެންގޮސްދޭން ވީއެވެ.

ޕީއެސްޖީގެ ބޯޑު މެންބަރަކާ ހަވާލާދީ، ރިޕޯޓުތައް ބުނާގޮތުން، ޕީއެސްޖީއަށް މިސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފި ނަމަ، އޭނާ ބޭނުންވާ ކްލަބަކަށް ދިއުމުގެ ހުއްދަ ދިނުމަށް، ޕީއެސްޖީގެ ރައީސް ނާސިރު އަލް ޚެލައިފީ ވަނީ ވައުދުވެވަޑައިގެންފައެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ދުނިޔޭގެ ރެކޯޑު ފީއަކަށް ޕީއެސްޖީއާ ގުޅުނު އުމުރުން 25 އަހަރުގެ ނޭމާއަށް އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދިދާނޭކަމުގެ ޔަގީންކަން ވަނީ ބޮޑުވެފައެވެ. އޭނާ އަންނަނީ ޕީއެސްޖީގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ހަމައެހެންމެ ޕީއެސްޖީން މިހާރު ދައްކަމުން އަންނަ މޮޅު ކުޅުމާއެކު، އެޓީމަށް މިފަހަރުގެ ފައިނަލާ ހަމައަށް ދެވޭނޭކަމީ ގިނަ ބަޔަކު މިހާރުވެސް އިއްތިފާގުވާ ކަމެކެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ފަސް ބެލަންޑިއޯ އާއެކު-- ފޮޓޯ: އޭޕީ

ރެއާލްގެ ރައީސް ޕެރޭޒް ވެސް ހުންނެވީ، ނޭމާ އެޓީމަށް ގެނައުމަށް ވަރަށް ބޮޑަށް ހިތްކިޔާފައެވެ. އެހެންކަމުން ނޭމާ ރެއާލަށް ގެނައުމުގެ ޝައުގުވެރިކަން ސިއްރުކުރަން ބޭނުން ނުވާކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ. އަދި އޭނާ ގަބޫލުކުރައްވާ ގޮތުގައި، ނޭމާ އެޓީމާ ގުޅިއްޖެ ނަމަ، ބެލޮންޑިއޯ ހޯދަން ނޭމާ ދެކެމުން އަންނަ ހުވަފެންވެސް ހަގީގަތަކަށް ހެދޭނެއެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހު، ރޮނާލްޑޯ ފަސް ވަނަ ފަހަރަށް ބެލޮންޑިއޯ އުފުލާލުމުން ޕެރޭޒް ވިދާޅުވެފައި ވަނީ، ރެއާލަށް ކުޅުމަކީ ބެލޮންޑިއޯ ހޯދަން ބޭނުންވާ ކުޅުންތެރީންނަށް އެކަމަށް ހުޅުވާލެވޭ ދޮރެއް ކަމަށެވެ.

ކޮންޓްރެކްޓްގެ މައްސަލައާއި ރޮނާލްޑޯގެ ޝަކުވާތައްވެސް ބޮޑުވެ، އެންމެ ފަހުން އޭނާ ދޫކޮށްލާން ތައްޔާރަށް އޮތްކަން ރެއާލުން ވަނީ ކޮންމެވެސް ސިފައެއްގައި މިހާރު ހާމަކޮށްފައެވެ. އެގޮތުން ރެއާލްގެ ޕްރެޒިޑެންޓް ޕެރޭޒް މީގެ ކުރީން ވިދާޅުވެފައިވަނީ، މީގެ 14 މަސް ދުވަސްކުރީން އެ ކްލަބުން ރޮނާލްޑޯއާއެކު އާކޮށްފައިވާ ފަސް އަހަރު ދުވަހުގެ ކޮންޓްރެކްޓާ މެދު ރޮނާލްޑޯ ހިތްހަމަޖެހެން ވާނޭ ކަމަށެވެ. އެގޮތަށް ހިތްހަމަ ނުޖެހޭނަމަ ރެއާލުން މިހާރު އޮތީ އޭނާ ދޫކޮށްލަން ތައްޔާރަށެވެ.

އެހެންކަމުން ބޮޑު އަގެއް ދީފައި ނަމަވެސް، ނޭމާ ގެނައުމުގެ ޝައުގުވެރިކަން ރެއާލުން ގެންގުޅުނު ނޭމާވެސް މިހާރު ކުޅެން އެންމެ ބޭނުންވާ ކްލަބާ ގުޅުމަށް މިވަނީ، މަގު ހުޅުވިފައެވެ. އެ މަގު ތަނަވަސްކޮށް، މަންޒިލަށް ވާސިލްވުމާ ދެމެދު މިހާރު އޮތް ހުރަހަކީ، ޗެމްޕިއަންސް ލީގު ޓްރޮފީއެވެ.

comment ކޮމެންޓް