"ހައްދު"ގެ އާ ޝޯތައް މިރޭ އޮލިމްޕަހުގައި ދައްކަން ފަށަނީ

ދިވެހި ފިލްމު ހައްދުގެ މަންޒަރެއް --

އަބްދުލް ފައްތާޙުގެ 21 އަހަރުގެ ފިލްމު ކެރިއަރުގައި ޑައިރެކްޓްކޮށް، އުފެއްދި އެންމެ ވަރުގަދަ އެއް ފިލްމު "ހައްދު"ގެ އާ ޝޯވްތައް މިރޭ އޮލިމްޕަހުގައި ދައްކަން ފަށާނެއެވެ.

"ހައްދު"ގެ އާ ޝޯވްތަކެއް އޮލިމްޕަހަށް އަންނައިރު އޮލިމްޕަހުގައި މިރެއިން ފެށިގެން އެ ފިލްމުގެ 10 ޝޯ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ފިލްމުގެ ކެމެރާމަން އިބްރާހީމް ވިޝާން (ކަނޑި) ސަން އަށް ބުނީ ފިލްމަށް ލިބޭ ތަރުހީބު ރަނގަޅު ކަމަށެވެ. "ތަރުހީބު ލިބޭ ވަރަކުން ޝޯވްތައް ދައްކަމުންދާނެ،" ކަމަށް ވެސް އޭނާ ބުންޏެވެ.

ބެލުންތެރިންގެ ތަރުހީބު އޮތް ވަރަކުން ފިލްމު އަޅުވަން ނިންމާފައިވާއިރު އަތޮޅު ތެރޭގައި ވެސް އެދޭ ވަރަކުން ފިލްމު އެޅުވުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކަނޑި ބުންޏެވެ.

ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ މިހާރު ފިލްމީ ދާއިރާގައި އެންމެ ނަން ހިނގާ މަރިޔަމް އައްޒައާއި އައިމިނަތު ރިޝްފާ އަދި ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވި ބަތަލު އަހުމަދު ޝިބާންއެވެ.

ފިލްމުން ދިވެހީންގެ އާދަކާދައާއި ސަގާފަތް ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެއެވެ. ރާއްޖޭގެ ރީތިކަންވެސް އެހާމެ ފުރިހަމައަށް ދައްކުވައިދޭ އެ ފިލްމަކީ "އަ މޫވީ އަބައުޓް ލިމިޓް"ގެ ގޮތުގައި ފެނިގެންދިޔަ ހިތްގައިމު ފިލްމެކެވެ. މުހިންމު އިބްރަތެއް އެ ފިލްމުން ލިބެއެވެ.

މިދިޔަ ސެޕްޓެމްބަރު ހަވަނަ ދުވަހުގެ ރޭ އެޅުވި "ހައްދު" އަކީ މަހުދީ އަހުމަދުގެ ސްކްރީން ޕްލޭއަކަށް ހަދާފައިވާ ލޯބީގެ ފިލްމެކެވެ.

comment ކޮމެންޓް