ފީފާ ވޯލްޑް ކަޕް ޓްރޮފީ އުފުލާލި ފުރަތަމަ ދިވެހި ރައްޔިތަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެއްޖެއެވެ.
ރައީސް ޔާމީން ޓްރޮފީ އުފުލާލާފައިވަނީ މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްގެންދާ ކުލަގަދަ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ޓްރޮފީ އުފުލާލީ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެ ކުރިމަތީގައެވެ.
ޓްރޮފީ އުފުލާލުމަށް ރައީސް ޔާމީނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ފްރާންސްއާއެކު ވޯލްޑް ކަޕް 1998 ކާމިޔާބުކުރި ސްކޮޑުގައި ހިމެނޭ ކްރިސްޓިއަން ކްރަމްބޭއެވެ. ރައީސް ޔާމީން ޓްރޮފީ އުފުލާލެއްވުމަށްފަހު އަނބުރާ ކްރަމްބޭއާ ވަނީ ޓްރޮފީ ހަވާލުކުރައްވައިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިއީ މަދުން ނޫނީ ދިވެހިންނަށް ލިބޭނެ ޝަރަފެއް ނޫން ކަމަށާއި ދިވެހި އެންމެހާ ރައްޔިތުން ވެސް ދުނިޔޭގެ އެންމެ ޝަރަފްވެރި ތަށްޓަށް މަރުހަބާ ކިޔަން ޖެހޭ ކަމަށެވެ.
"އެންމެ މަގްބޫލު އައިޑޮލް މިހުރީ އެންމެ މަގުބޫލު ހަނީމޫން ޑެސްޓިނޭޝަންގައި. މިއީ މަދުންނޫނީ ނުލިބޭނެ ޝަރަފެއް. ރާއްޖޭގެ ރައްޔިތުންނާއި ކުޅިވަރަށް ލޯބިކުރާ ކޮންމެ ދިވެހި ރައްޔިތަކު ވެސް މަރުހަބާ މިކިޔަނީ އެންމެ މަގުބޫލް އައިޑޮލްއަށް. އެންމެހާ ރައްޔިތުން ވެސް މަރުހަބާ ކިޔަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
މިއީ އެންމެ ވަރުގަދަ ކެޕްޓަނުން ލިފްޓްކޮށްފައިވާ ޓްރޮފީއެއް. މި ޓްރޮފީ އުމުރުގައި އެއް ފަހަރު ނޫނިއްޔާ ބައްދަލެއް ނުކުރާނެ. މި ތަށި މި ދަތުރުކުރަނީ ވަރަށް ދިގު ދަތުރެއް. މި ޒިޔާރަތުގައި ރާއްޖެއަށް ތަށި އައުމަކީ މަދުން ނޫނީ ނުލިބޭނެ ޝަރަފެއް."
ވޯލްޑް ކަޕް ޓްރޮފީގައި އަތްލުމުގެ ފުރުސަތު ލިބޭނީ ހަމައެކަނި ވޯލްޑް ކަޕް މުބާރާތެއް ކާމިޔާބުކުރި ސްކޮޑުތަކުގައި ހިމެނޭ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ގައުމުތަކުގެ އެންމެ އިސްވެރިޔާއަށެވެ.