ހޮންގްކޮންގާ އެކު ފްރީ ޓްރޭޑް އެގްރިމެންޓު ހެދުމުގެ ފަހު މަޝްވަރާއަށް ސައީދު ވަޑައިގެންފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހޮންގްކޮންގާ ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ އެންމެ ފަހު މަޝްވަރާތަކަށް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެގައުމަށް ފުރާވަޑައިގެންފިއެވެ.

ހޮންގްކޮންގާ ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް ނިންމީ، އެގައުމުން އިސްވެ އެކަމަށް ޝައުގުވެރިކަން ފާޅުކުރުމުންނެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ ކުރީކޮޅު ހޮންގްކޮންގުން ޝައުގުވެރިކަން ފާޅުކުރަން ބުނީ، ރާއްޖެއަކީ ތަރައްގީ ވާނެކަމުގެ ބޮޑު އުންމީދެއް އޮތް މާކެޓެއް ކަމަށާއި، ފްރީ ޓްރޭޑް އެގްރިމެންޓަކާ އެކު ހޮންގްކޮންގްއާ ރާއްޖެއަށްވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ.

ހޮންގްކޮންގާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަޝްވަރާތައް އެގައުމާއި ރާއްޖޭގައިވެސް މިހާތަނަށް ކުރިޔަށް ގެންގޮސްފައިވާ އިރު، މިކަމުގެ ފަހު މަޝްވަރާތައް އޮންނާނީ ހޮންގްކޮންގްގައެވެ.

ހޮންގްކޮންގާ ރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 300 މިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެވެއެވެ.

ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން ދެގައުމުގެ ދެމެދުގައި ޓެރިފް ދަށްކުރުން ނުވަތަ ކަނޑާލުމާއި، މާކެޓަށް ވަނުމާއި އޮޕަރޭޓް ކުރުމަށް ފަސޭހަކުރުމުގެ އިތުރުން އިންވެސްޓް ކުރުމަށް ފަސޭހަކުރުމާއި ކަސްޓަމްސް ޕްރޮސީޖާގެ ހުރަސްތައް ނައްތާލުން ފަދަ ކަންކަމަށް މަގުފަހިވެގެން ދާނެ ކަމަށް ހޮންގްކޮންގުން މީގެ ކުރިން ވަނީ ބުނެފައެވެ.

ހޮންގްކޮންގާ ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓް ހެދުމުގެ ފަހު މަޝްވަރާތައް ފެށުމަށް ތައްޔާރުވެފައިވާ އިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއިން ވަނީ ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓުގައި ސޮއިކޮށްފައެވެ.

comment ކޮމެންޓް