ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިޞާދުގެ މައި ތަނބު ނަމަވެސް ރާއްޖޭގެ އިގުތިޞާދު ފުޅާކުރުމަށް އިތުރު ފުރުސަތުތައް ހުޅުވިފައި އެބަހުރި ކަމަށާއި، ވާދަވެރި އަދި ހުޅުވައިލެވިފައިވާ އިންވެސްޓްމަންޓް މަންޒިލަކަށް ރާއްޖެ ހެދުމަކީ މި ސަރުކާރުގެ ތަސައްވުރު ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ޖަޕާނު އެމްބަސީން އިންތިޒާމުކޮށްގެން ބޭއްވި ބިޒްނަސް ވެބިނާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރާއްޖޭގެ އިގުތިޞާދު ސިންދަފާތުކޮށް އިގުތިޞާދީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ޑިސެންބަރު ތިނެއް، 2024ގައި އަމަލުކުރަން ފެށި އައު ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނަށް އިތުބާރު ހުރި ނިޒާމެއް ގާއިމްކުރެވިފައިވާ ކަމަށް ސަޢީދު ވިދާޅުވިއެވެ.
"ހަމަ އެއާއެކު، ގެނެވޭ އިސްލާހުތަކުގެ ސަބަބުން އިންވެސްޓަރުންނަށް އިތުބާރާ އެކު ވިޔަފާރިތައް ގާއިމުކޮށް ފުޅާކުރުމަށް ފަސޭހަވެގެންދާނެ. އަޅުގަނޑުމެންގެ ތަސައްވުރަކީ ބައިނަލްއަގުވާމީ އިންވެސްޓަރުންގެ ބޭނުންތަކަށް އިޖާބަދޭ، ހުޅުވައިލެވިފައިވާ، ވާދަވެރި އިންވެސްޓްމަންޓް މާހައުލެއް ބިނާކުރުން." އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިޞާދުގެ މައި ތަނބުކަން ސަޢީދު ފާހަގަކުރެއްވިއެވެ. ނަމަވެސް އެއަށްވުރެ މާ ފުޅާ ފުރުސަތުތަކެއް ރާއްޖޭގައި އެބަހުރި ކަމަށް ސަޢީދު ވިދާޅުވިއެވެ.
އެގޮތުން އިޔާދަކުރަނިވި ހަކަތައާއި މެރިޓައިމް ޚިދުމަތްތަކާއި މަސްވެރިކަމާއި ކާބޯތަކެތި އުފެއްދުމާއި ޑިޖިޓަލް އިގުތިޞާދާއި އުފެއްދުންތެރިކަން ފަދަ ދާއިރާތަކުން އިންވެސްޓްމަންޓުގެ ފުރުސަތުތައް ފަހިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.
ފޮރިން އިންވެސްޓްމެންޓް ގާނޫނުގެ ދަށުން، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި ނުކުރެވޭނެ ދާއިރާތައް އިސްލާހުކޮށް، އިކޮނޮމިކް މިނިސްޓްރީން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ގެޒެޓުކޮށްފިއެވެ.
އެ އިސްލާހުތައް ގެނައުމުގައި، ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާނެ އަސަރާއި އެތެރޭގެ މާކެޓުގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި އެ ދާއިރާއެއްގައި ދިވެހި ވިޔަފާރިވެރިން ހަރަކާތްތެރިވާ މިންވަރަށް ބަލައިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ ދާއިރާއެއްގައި ބޭރުގެ އިންވެސްޓްމަންޓާއި ތަޖުރިބާ ބޭނުންވާ މިންވަރަށާއި، އިންވެސްޓްމެންޓްގެ ސަބަބުން އަންނާނެ ކުރިއެރުންތަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ދަރަނީގެ ސަބަބުން، އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރު ދައްކުވައިދޭ ކްރެޑިޓް ރޭޓިން ފާއިތުވި އަހަރުތަކުގައި ވަނީ ދަށްވެފައެވެ. ނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި، އެންމެ ބޮޑު އެއް އޭޖެންސީ ކަމަށްވާ ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ޑަބަލް ސީ އަކުން ޓްރިޕަލް ސީ މައިނަސް އަކަށް މަތިކޮށްފައެވެ. އެއީ އިންވެސްޓަރުންގެ އިތުބާރު އިތުރުވުމުގެ ހެއްކެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.