ސިޓީއަށް ފުރަގަސްދީ ސަންޗޭޒް ޔުނައިޓެޑަށް، މިކިތާރިޔަން އާސެނަލަށް

ހެންރިކް މިކިތާރިޔަން(ކ)، އެލެކްސިސް ސަންޗޭޒް(ވ) ---

މެންޗެސްޓާ ޔުނައިޓެޑުން އެލެކްސިސް ސަންޗޭޒްގެ ސޮއި ހޯދި އިރު، ހެންރިކް މިކިތާރިޔަން އާސެނަލަށް ސޮއިކޮށްފިއެވެ.

އާސެނަލްގެ ސަންޗޭޒް ޔުނައިޓެޑަށް ސޮއިކޮށް، ޔުނައިޓެޑްގެ މިކިތާރިޔަން އާސެނަލާ ގުޅޭގޮތަށް ޓްރާންސްފާގެ ކަންތައްތައް ނިމިފައިވާ ކަމަށް ވާހަކަތައް ދެކެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.

ޗިލީ ފޯވަޑް ސަންޗޭޒް ހޯދުމަށް މެންޗެސްޓާ ސިޓީން ވެސް މަސައްކަތްކުރިއެވެ. ސަންޗޭޒަށް އާސެނަލުން ބޭނުންވާ އަގު ބޮޑުކަމުން ސިޓީން ވަނީ އޭނާ ހޯދުމުގެ ކަންތައް ފަހުން މަޑުޖައްސާލައިފައެވެ.

އާސެނަލްއާ ގުޅުނު ހެންރިކް މިކިތާރިޔަން ---

އުމުރުން 29 އަހަރުގެ ސަންޗޭޒް ހޯދުމުގެ މަސައްކަތް ޔުނައިޓެޑަށް ކާމިޔާބުވެގެންދިޔައީ ޕްރިމިއާ ލީގުގެ ރެކޯޑު އަގަކަށެވެ. ހަތަރު އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑާ ގުޅުނު ސަންޗޭޒަށް ހަފްތާއަކު 350،000 ޕައުންޑް ލިބިގެންދާނެއެވެ. ޔުނައިޓެޑަށް އޭނާ ސޮއިކުރީ އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަން ހަ މަހަށް ވެފައި ވަނިކޮށެވެ. ޔުނައިޓެޑުގައި ސަންޗޭޒް ބޭނުންކުރާނީ ހަތް ނަންބަރުގެ ޖާޒީއެވެ.

ސަންޗޭޒް ވަނީ އާސެނަލަށް ތިން އަހަރާއި ބައިގެ މުއްދަތަކަށް ކުޅެފައެވެ. ބާސެލޯނާއިން 2014 ވަނަ އަހަރު އާސެނަލްއާ ސަންޗޭޒް ގުޅުނީ 32 މިލިއަން ޕައުންޑަށެވެ. ބާސާއާ ގުޅުމުގެ ކުރިން އޭނާ ވަނީ ކޮބްރެލޮއާ، ރިވާ ޕްލޭޓް، ކޮލޯ ކޮލޯ އަދި އުދިނޭސީއަށް ވެސް ކުޅެފައެވެ.

ކުރިން އިޓާލިއަން ސެރީއާގައި އުދިނޭސީއަށް ސަންޗޭޒް ކުޅެމުން ދަނިކޮށް ވެސް ޔުނައިޓެޑުން ވަނީ އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ސަންޗޭޒަކީ 2012 ވަނަ އަހަރަށްފަހު އާސެނަލް ދޫކޮށް ޔުނައިޓެޑާ ގުޅުނު ފުރަތަމަ ކުޅުންތެރިޔާއެވެ. އޭގެ ކުރިން އާސެނަލުން ޔުނައިޓެޑާ ގުޅުނު ކުޅުންތެރިޔަކީ ރޮބިން ވެން ޕާސީއެވެ.

ޔުނައިޓެޑާ ގުޅުނު އެލެކްސިސް ސަންޗޭޒް ---

ޔުނައިޓެޑާ ސަންޗޭޒް ގުޅުމާއެކު 18 މަސްދުވަހުގެ މުއްދަތަކަށް ޔުނައިޓެޑްގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރި އަރްމޭނިއާ މިޑްފީލްޑަރު މިކިތާރިޔަން ވަނީ އާސެނަލާ ގުޅިފައެވެ. ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑުން ޔުނައިޓެޑާ މިކިތާރިޔަން ގުޅުނީ 2016 ވަނަ އަހަރުއެވެ. އުމުރުން 29 އަހަރުގެ މިކިތާރިޔަން، އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2021 ވަނަ އަހަރުއެވެ.

މިސީޒަނުގައި ހޯސޭ މޮރީނިއޯއަށް މިކިތާރިޔަންއަކީ މުހިންމު ކުޅުންތެރިޔަކަށް ވެގެންނުދިޔަ ނަމަވެސް، އޭނާ ވަނީ ޔުނައިޓެޑަށް 17-2016 ސީޒަނުގެ ޔޫރޮޕާ ލީގު ކާމިޔާބުކޮށްދިނުމަށް އިސްދައުރެއް އަދާކޮށްފައެވެ. ޔޫރޮޕާ ލީގުގެ ފައިނަލުގައި 2-0 ގެ ނަތީޖާއަކުން އަޔެކްސްގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދީ މިކިތާރިޔަންގެ ލަނޑަކާއެކުއެވެ.

comment ކޮމެންޓް