އަނބިމީހާގެ ހާލަތަށް ނުބަލައި ޖިންސީ އެދުން ފުއްދަން އުޅުމަކީ ސުންނަތާ ހިލާފު ކަމެއް: ޑރ. ޝަހީމް

އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އަނބިމީހާގެ ޖިސްމާނީ، ސިއްހީ އަދި ނަފްސާނީ ހާލަތަށް ނުބަލައި އަނިޔާވެރިކަމާ އެކީ ގަދަކަމުން މަޖުބޫރުން ޖިންސީ އެދުން ފުއްދުމަށް އުޅުމަކީ ސުންނަތާއި ޚިލާފު ކަމެއް ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޝާހީމް އަލި ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ އަނިޔާވެރި އަމަލެއް ހެޔޮލަފާ ފިރިއަކު ނުހިންގާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމަކީ އިސްލާމް ދީނުގައި ލައްވާފައިވާ ރިވެތި އުސޫލުތަކާއި ޚިލާފު ކަމެއް ކަމަށެވެ.

"އަނިޔާވެރިކަމާ އެކީ ގަދަކަމުން މަޖުބޫރުން އަނބިމީހާގެ ޖިސްމާނީ، ސިއްހީ އަދި ނަފްސާނީ ހާލަތައް ނުބަލައި ޖިންސީ އެދުން ފުއްދުމަށް އުޅުމަކީ އިސްލާމް ދީނުގައި ލައްވާފައިވާ ރިވެތި އުސޫލުތަކާއި ހިލާފު، ބޮޑު އުދުވާނީ އަނިޔާއެއް،" މި ސަރުކަރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިސްލާމްދީނުގައި ޒަވާޖީ ހަޔާތަކީ ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ މައްޗަށް ގާއިމުވެފައިވާ މުގައްދަސް ނިޒާމެއް ކަމަށެވެ. އަދި އެންމެ ހެޔޮ މީހަކީ އަނބިމީހާއަށް ހެޔޮއެދޭ މީހާ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ ހަދީސް ތަކުންވެސް ސާބިތުވާ ކަމެއް ކަމަށާއި "ޖިންސީ މުއާމަލާތްތަކުގައިވެސް އޯގާތެރިވުމަކީ ވާޖިބު ކަމެއް" ކަމަށެވެ.

comment ކޮމެންޓް